"މީ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ފަހިކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާކަން ދައްކުވައިދޭ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އާސަންދައިގެ ދަށުން ކެންސަރު ބަލި ފިޔަވައި އެހެން ބަލިތަކަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދަން މީހުން ފޮނުވާ މިންވަރު މަދުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވާ މީހުން މަދުކުރެވިފައިވާ ކަމަށެވެ.
އެގޮތުން 2023 އާ އަޅާބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އާސަންދައިގެން ދަށުން ރާއްޖޭން ބޭރަށް ފޮނުވި މީހުންގެ އަދަދު 338 އަށް ދަށްކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ނަންބަރުގައި މާބޮޑު ތަފާތެއް ނުފެންނަނީ ކެންސަރު ބަލީގައި ރާއްޖޭން ބޭރަށް ފޮނުވާ ބަލި މީހުންގެ އަދަދު އިތުރުވަމުން ގޮސްފައިވާތީ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ކެންސަރާ ގުޅުންހުރި އެކި ކަންކަމުގައި 483 މީހަކު އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް، ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފޮނުވި މީހުން އުނި ކުރުމަށްފަހު 2023 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ފޮނުވި މީހުންގެ އަދަދު 821 އަށް މަދުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މީ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއިފަސޭހަ ގޮތްތައް ފަހިކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާކަން ދައްކުވައިދޭ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީހގެ ތެރޭގައި މުޅިން އަލަށް ފަރުވާ ހޯދަން ދިޔަ މީހުންނާއި، ތަކުރާރުކޮށް ފަރުވާ ހޯދަން ދާ މީހުންގެ އިތުރުން އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ވެސް ހިމެނޭ ކަމަށެވެ.
"މީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކާ އަދި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް. އެހެންކަމުން ރާއްޖޭން ބޭރަށް ފޮނުވައިގެން ހޯދާ ކޮންމެ ސިއްހީ ހިދުމަތަކީވެސް އާންމު ދިވެހި ރައްޔިތު މީހާގެ ސިއްހަތާ ގުޅި ލާމެހިފައިވާ ފަރުވާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.