އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހާމަކުރި ގޮތުގައި ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މަރުކަޒަށާއި ބަންދަރު ސަލްމާނަށް، އަދި ކުވެއިތުގައި ހުރި އަލްީ އަލް ސާލެމް އެއާ ބޭހަށް ވަނީ ޖޮއިންޓް މިސައިލް އަދި ޑްރޯން

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ބަހްރައިން އަދި ކުވެއިތުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓުތަކަކަށް ދިން ހަމަލާތަކެއްގެ ރައްދުގައި، އެމެރިކާއިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ބަހްރައިން އާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
މި ހަމަލާތަކާއެކު ދެގައުމުގެ ދެމެދުގައި މިދިޔަ މަހު ގާއިމުކުރި ނާޒުކު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ވަނީ ވަރަށް ބޮޑަށް ނުރައްކަލުގެ ތެރެއަށް ވެއްޓިފަ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ހާމަކުރި ގޮތުގައި ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މަރުކަޒަށާއި ބަންދަރު ސަލްމާނަށް، އަދި ކުވެއިތުގައި ހުރި އަލްީ އަލް ސާލެމް އެއާ ބޭހަށް ވަނީ ޖޮއިންޓް މިސައިލް އަދި ޑްރޯން އޮޕަރޭޝަނެއް ހިންގާފަ އެވެ. މީގެ އިތުރުން މި ހަމަލާތަކަށް ހުރަސްއަޅަން މަސައްކަތްކުރި އެމެރިކާގެ MQ-9 ޑްރޯންއެއް ވައްޓާލާފައިވާ ކަމަށްވެސް އީރާނުން ބުނެ އެވެ.
މި ހަމަލާތަކާ ގުޅިގެން ބަހްރައިންނާއި ކުވެއިތުގައި ވައިގެ ހަމަލާގެ އިންޒާރުދޭ ސައިރަންގެ އަޑު އިވިފައިވާއިރު، ކުވެއިތުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހަމަލާތަކަށް ހުރަސްއަޅާފައިވާ ކަމަށެވެ.
މި ހަމަލާތަކުގެ ކުރިން، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން މާސަންގު ބޯޓަކަށް (ގަތަރާއި ސައުދީގެ ބޯޓުތައް ހިމެނޭ ގޮތަށް) ދިން ހަމަލާތަކުގެ ޒިންމާ އެމެރިކާއިން އެޅުވީ އީރާނުގެ ބޮލުގައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ 60 އަށްވުރެ ގިނަ ކުދި ބޯޓުތަކަށާއި، ރާޑަރު ސިސްޓަމްތަކާއި، މިސައިލް ފޮނުވާ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
ހަމަލާތަކުގެ އިތުރުން، އެމެރިކާއިން ވަނީ އީރާނަށް ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ވިއްކުމަށް ދީފައިވާ ހާއްސަ ލައިސަންސްވެސް ބާތިލްކޮށްފައެވެ. މި ފިޔަވަޅާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ތިން ފަސެންޓަށްވުރެ މައްޗަށް އުފުލިފަ އެވެ.