މިހާރުގެ ހާލަތުން މިއީ 145.4 މިލިއަން ޑޮލަރު ގާތްގަނޑަކަށް 2.2 ބިލިއަން ދިވެހި ރުފިޔާގެއްލިގެންދާނެ ކަމެކެވެ. މިކަން ފޫބަށްދަން އޭޝިއާ މާކެޓުން އަންނަ މީހުން ގިނަ ދުވަހު ތިބޭނެ ގޮތް ހެދުމާއި ރަޝިއާ މާކެޓަށް ޕްލޭން ކުރަން ޖެހެ އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން މެއިގެ ނިޔަލަށް އައިސްފައިވަނީ 563,340 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 609,512 ގަ އެވެ. އެހެންވެ މިއީ 7.6 ޕަސެންޓުގެ ދަށްވުމެކެވެ. ޔޫރަޕު މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުން އާމްދަނީއަށް އަސަރު ކުރާނެ އެވެ. މިއީ ކިހާވަރެއްގެ އަސަރެއް ހެއްޔެވެ؟ މިކަން ފޫބެއްދޭނެ އޮޕްޝަނެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުގެ މޭޒުކޮޅު މަތީގައި އެބައޮތް ހެއްޔެވެ؟
ޔޫރަޕް މާކެޓަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ހިއްސާއެއް ހިފަހައްޓާ އަދި ރާއްޖޭގައި އެންމެ ގިނަ ދުވަހު މަޑުކުރާ ގިނަ ދުވަހު މަޑުކުރާ އަދި ގިނައިން ހަރަދު ކުރާ ޓޫރިސްޓުން ހިމެނޭ މާކެޓަށް ވުމުން، މި މާކެޓް ދަށްވުމަކީ ޓޫރިޒަމް އާމްދަނީއަށް ސީދާ އަދި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ.
ޔޫރަޕްގެ ޓޫރިސްޓުން އާންމުގޮތެއްގައި 14-10 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ. އެމީހުން ދުވާލަކަށް އެވްރެޖްކޮށް 350 އާއި 400 އެމެރިކާ ޑޮލަރު (ކޮޓަރި، ކެއިންބުއިން އަދި އެހެނިހެން ޚަރަދުތައް ހިމެނޭހެން) ހޭދަކުރާ ކަމަށް ބެލެވެ އެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ޔޫރަޕް މާކެޓް 7.6 ޕަސެންޓު ދަށްވުމުގެ މާނައަކީ ގާތްގަނޑަކަށް 46,000 އެއްހާ ޓޫރިސްޓުން މަދުވުމެވެ. މީގެ ސަބަބުން ރިސޯޓްތަކުގެ އޮކިއުޕެންސީ ( ފުރޭ މިންވަރު) ދަށްވެ، ކޮޓަރިތަކުން ލިބޭ އާމްދަނީއާއި ރިސޯޓްތަކުގެ އެހެނިހެން ހިދުމަތްތަކުން (ޑައިވިން، ސްޕާ، ރެސްޓޯރެންޓް) ލިބޭ އާމްދަނީ ބޮޑު ތަނުން ހީނަރުވާނެ އެވެ.

ޓޫރިޒަމް ދާއިރާއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ޓޫރިޒަމް ޓެކުހާއި ގްރީން ޓެކްސް، އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އިތުރުން ޑިޕާޗާ ޓެކްހުންނެވެ. ޔޫރަޕުން އަންނަ ޓޫރިސްޓުން ރާއްޖޭގައި ކުރާ ހޭދަ ކުރުން މަދުވުމުން އެމީހުންގެ އަތުން ލިބޭ ޓީޖީއެސްޓީ ދަށްވުމަކީ ދައުލަތުގެ ޖުމްލަ ޓެކްސް އާމްދަނީއަށް ބުރަބޮޑުވާނެ ކަމެކެވެ. މީގެ އިތުރުން މަޑުކުރާ ކޮންމެ ދުވަހަކަށް ނަގާ ގްރީން ޓެކްސްގެ އާމްދަނީވެސް "ބެޑް-ނައިޓްސް" މަދުވުމާ އެކު ދަށްވާނެ އެވެ. އެހެންވެ މިއީ 145.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.2 ބިލިއަން ދިވެހި ރުފިޔާ) ގެއްލިގެންދާނެ ކަމެކެވެ.
ދެން އޮތީ ޔޫރަޕު މާކެޓުން އަންނަ އާމްދަނީގެ ހީނަރުކަން އެހެން މާކެޓުތައް ރަނގަޅުވުމުން ފޫބެއްދިދާނެތޯ އުފައްދާ ސުވާލެކެވެ. ޔޫރަޕުން 46,000 އެއްހާ ޓޫރިސްޓުން މަދުވި ނަމަވެސް، ޖުމްލަ މާކެޓަށް ބަލާއިރު ރާއްޖެއަށް މި މުއްދަތުގައި މަދުވެފައިވަނީ 45,243 ޓޫރިސްޓުންނެވެ. އެއީ 2025 ގައި 966,358 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރު އައި 921,115 ޓޫރިސްޓުންނާ އަޅާ ކިޔުމުން އުނިވާ އުނިވުމެވެ. ޔޫރަޕުން ގެއްލުނު އަދަދުގެ ބައެއް ފޫބެދެނީ ޗައިނާ މާކެޓް 24.6 ޕަސެންޓު ކުރިއެރުމެއްގައި އޮތުމުންނެވެ.

ނަމަވެސް އާމްދަނީގެ ވިސްނުމުން ބަލާއިރު، މިތަން ފޫބަށްދަން ދަތިވާނެ އެވެ. ސަބަބަކީ ޗައިނާ ޓޫރިސްޓުން ހޭދަކުރުން މަދުވުމެވެ. ޗައިނާ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރަނީ އާންމުކޮށް ގިނަވެގެން ފަސް ދުވަހެވެ. ޔޫރަޕް ޓޫރިސްޓުން ގިނަވެގެން 14 ދުވަހު މަޑުކުރެ އެވެ. އެހެންކަމުން، ޖުމްލަ އެރައިވަލްސް އަށް އައި ބަދަލާއި، މާކެޓްތަކުގެ ހޭދަކުރުމުގެ ތަފާތަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން 100 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާގެ) ވަނީ އުނިވެގެން ގޮސްފަ އެވެ.
މި ގެއްލުން ފޫބަށް ބޭނުންނަމަ ޓޫރިސްޓުން އަންނަ އަދަދު އިތުރުކޮށްގެން ކުރެވޭނެ ކަމަކުން އެކަންޏެއް ނޫނެވެ. މީގެ ބަދަލުގައި، ރާއްޖެއަށް ވަންނަ ޖުމްލަ އާމްދަނީއާއި "ބެޑް-ނައިޓްސް" މަތިކުރެވޭނެ ވިސްނުންތަކެއް ގެނެސްގެންނެވެ. ޗައިނާ އަދި އޭޝިއާގެ ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ ދުވަސް 7 އަކާއި 9 އަކާ ދެމެދުގެ އަދަދަކަށް ޓާގެޓްކޮށްގެން ހާއްސަ ޕެކޭޖްތަކެއް ތައާރަފު ކުރެވިދާނެ އެވެ.
އަދި ޔޫރަޕްގެ ޖުމްލަ މާކެޓް ދަށްވި ނަމަވެސް، ރަޝިޔާ މާކެޓުން 19.1 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި އިޓަލީ 14.7 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި ޖަރުމަނާއި އިނގިރޭސިވިލާތުން ގެއްލުނު ބައި ފޫބެއްދުމަށްޓަކައި، ރަޝިޔާ އަދި އިޓަލީގެ އެއާލައިންތަކާ ގުޅިގެން ރާއްޖެއަށް ކުރާ ސީދާ ފްލައިޓްތައް އިތުރުކުރުމާއި އެ ގައުމުތަކުގައި ކުރިއަށްގެންދާ މާކެޓިން ކެމްޕޭންތައް ވަރުގަދަ ކުރެވިދާނެ އެވެ.