އީޔޫ އާއި ބެލްޖިއަމް ސަފީރު ކަމަށް ދިޔާނާ

އެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ވަނީ ފޮނުވާފައި

ދިޔާނާ ސައީދު--

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމް އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފާތިމަތު ދިޔާނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިޔާނާގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ދިޔާނާ އަކީ ސާކް އުފެދުނު ފަހުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ އެޓާނީ ޖެނަރަލްގެ މަގާމާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރެއްވި އެވެ. 

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ނެގި ރެފަރަންޑަމްގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރުމުގައި އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ދިޔާނާ މަސައްކަތް ކުރެއްވި އެވެ.

އޭގެ ފަހުން އޭނާ ވަނީ އެމްބަސިޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.