އެ ޝަކުވާތަކަށް ހައްލެއް ހޯދަން އެމްޕީއެލް ހާޒިރުކޮށްދޭން އެދުނު

ނޯތު ހާބަރު ބޭނުން ކުރާ އޮޑިވެރިންނަށް ދިމާވާ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ބަނދަރަށް ކައިރި ކުރަން ކިއު ނަމްބަރެއް ހޯދުމަށް ފަހު 10 އަކާއި 15 ދުވަހާ ދެމެދު މުއްދަތަކަށް މަޑުކުރަން ޖެހޭ ކަމަށެވެ.
އެހެންވެ ކުރިން މަހަކު ދެތިން ދަތުރު ކުރި ބޯޓު ފަހަރަށް މިހާރު ކުރެވެނީ މަހަކު ދަތުރެއް ކަމަށާއި އޭގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުން ވަމުން އަންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގެ ބޭރުމަގު ފުޅާ ކުރުމުގެ މަޝްރޫއާއެކު ބޯޓު ފަހަރު އަޅާނެ ޖާގަ ކުޑަވެ ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގަމުން އަންނަ ކަމަށާއި ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އޮޑިވެރިން ކުރަމުން އަންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެ މައްސަލާގައި މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށް އެމްޕީއެލް ހާޒިރު ކުރުމަށް ކުޑޫ ވަނީ އެދިފަ އެވެ.