އެއް ދަންފަޅި އާއި ދެ ދަންފަޅިއަށް ކިޔަވައި ދޭ ސްކޫލުތަކުގެ ތަފާތެއް ނެތް: ޝަފީއު

މިކަންކަމާ ގުޅޭ ގޮތުން ގައުމީ ފެންވަރެއްގައި ވާހަކަ ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު--ފޮޓޯ: މަޖިލިސް

އެއް ދަންފަޅި އާއި ދެ ދަންފަޅިއަށް ކިޔަވައި ދޭ ސްކޫލްތައް ހިންގުމުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަފީއު ވިދާޅުވީ މަޖިލީހުގައި އާންމުކޮށް ސުވާލުކޮށް ވާހަކަ ދެކެވެނީ ސްކޫލްތަކުގެ އުމްރާނީ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް ތައުލީމީ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެއް މައްސަލައަކީ ޝަފީއު ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ދެ ގޮތަކަށް ދަންފަޅި ބަހައިގެން ކިޔަވައި ދޭ މައްސަލަ އެވެ. 

މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި ކިޔަވައި ދެނީ ދެ ދަންފަޅިއަކަށެވެ. ޝަފީއު ވިދާޅުވި ގޮތުގައި އަތޮޅުތަކު ތެރޭގައި 23 ހަކަށް ސްކޫލް ފިޔަވައި އެހެން ހުރިހާ ސްކޫލެއް ހިންގަނީ އެއް ދަންފަޅިއަކަށެވެ. ނަމަވެސް މި ދެ ގޮތަށް ކިޔަވާ ދޭ ސްކޫލްތައް ހިންގުމުގައި މާ ބޮޑު ތަފާތެއް ގެނެވިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއް ސެޝަން ސްކޫލެއްގެ ފަލްސަފާ ފުރަތަމަ ވުޖޫދުވެގެން އައި ގޮތަކަށް ނޫން ކުރީގައި ވެސް ކަންކަން ބައްޓަން ކޮށްފައި އޮތީ." ޝަފީއު ވިދާޅުވި އެވެ.

އެހެންވެ އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން މިހާރަށް ވުރެ ރަނގަޅަށް ގައުމީ ފެންވަރެއްގައި ވާހަކަ ދައްކަން ޖެހޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ސްކޫލްތަކުގެ ތައުލީމީ ނިޒާމް އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ ސިޔާސަތު ފަށާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑރ. މުސްތަފާ ލުތުފީ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި އިރު އެވެ. 

އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އޭގެ ފަހުން އައި ސަރުކާރުތަކުން ވެސް އިތުރަށް ބަޖެޓު ހިމަނައިގެން ކްލާސް ރޫމްތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުތަކެއް ހިންގި އެވެ. ނަމަވެސް އޭގެ ނަތީޖާ އާ މެދު މީގެ ކުރީގެ ބައެއް މިނިސްޓަރުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.