މިގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އެތެރެކުރާއިރު، ކޮންމެ ކޮތަޅަކުން ނަގާ 2ރ. ފީ ދެން ނުނަގަން އެ ބިލުގައި ވަނީ ހުށަހަޅުއްވައިފަ އެވެ.

ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު ގަނޑުކޮށް އެތެރެކުރާ ފަރާތްތަކުން ވެސް ކޮންމެ ކޮތަޅަކަށް ނަގަމުން އަންނަ 2ރ. ކަނޑާލަން، ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު، އިބްރާހިމް ޝިފާޒް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ދެއްކުން އިސްތިސްނާވާ ލިސްޓަށް ޕްލާސްޓިކް ކޮތަޅު ގަނޑުކޮށް އެތެރެކުރާ ފަރާތްތައް އިތުރުކޮށްފަ އެވެ.
މިގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އެތެރެކުރާއިރު، ކޮންމެ ކޮތަޅަކުން ނަގާ 2ރ. ފީ ދެން ނުނަގަން އެ ބިލުގައި ވަނީ ހުށަހަޅުއްވައިފަ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން، ޕްލާސްޓިކް ކޮތަޅު އެތެރެކުރާ ފަރާތްތަކާއި، ހޯލްސޭލަރުން ރީޓެއިލަރުން އަދި ކަސްޓަމަރުން ވެސް ކޮންމެ ކޮތަޅަކަށް ވަކިވަކިން 2ރ. ދައްކަންޖެހެ އެވެ.
ކޮންމެ މަރުހަލާއެއްގައި ކޮތަޅަކަށް 2ރ. ދައްކަން ޖެހުމުގެ ސަބަބުން ކޮތަޅެއްގެ އަގު މާބޮޑަށް ބޮޑުކަމުގެ ޝަކުވާ އޭރުވެސް ކުރި އެވެ.
މި އިސްލާހު ގެނައުމުން، ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެކަމަށް ބުނެ، ފާއިތުވި ހަތަރު އަހަރު ޕްލާސްޓިކް ކޮތަޅުން ނެގި ފީ އިން ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލް ހިމަނާފައިވެ އެވެ.
މިގޮތުން، 2023 ވަނަ އަހަރު 12.7 މިލިއަން، 2024ގައި 9 މިލިއަން، 2025ގައި 6 މިލިއަން އަދި މި އަހަރުގެ މިހާތަނަށް 2 މިލިއަން ލިބިފައިވާ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ޝިފާޒް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދެން ހިމެނޭ އެންމެ މުހިންމު އަނެއް ބަދަލަކީ ރާއްޖެއަށް އެއްވެސް ގޮތަކަށް ކުނި އެތެރެކުރުން މަނާކުރާ އިސްލާހެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ދިވެހިރާއްޖެއަށް ކުނި އެތެރެ ކުރެވެ އެވެ.