އުތުރުގެ ދެ މެންބަރުން ވަނީ އެ ސުވާލު ތަކުރާރު ކުރައްވައިފަ އެވެ. ނަމަވެސް ސައީދު ޖަވާބެއް ނުދެއްވި އެވެ.

އާރްޓީއެލް ފެރީތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ކުރެއްވި ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.
ޓެކްނިކަލް މައްސަލަތަކާ ހެދި ފަހަކަށް އައިސް އާރްޓީއެލްގެ ފެރީތައް ކެންސަލް ކެންސަލް ވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މީގެ ކުރިން ކޮންމެ ދުވަހަކު ފެރީ އޮންނަ ރަށްރަށުގައި ކޮންމެ ތިން ދުވަހަކުން އެއް ދުވަހަށް ފެރީތައް މަދުވެފައިވާ ކަމުގެ ޝަކުވާ ވެސް އޮވެ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ އެ ސުވާލު ސައީދާ ކުރައްވައިފަ އެވެ.
ޕީއެންސީ އަށް ނިސްބަތްވާ އަމީން ވިދާޅުވި ގޮތުގައި އާރްޓީއެލް އަށް ދިމާވާ ޓެކްނިކަލް މައްސަލަ ހައްލުވެ ކުރިއެކޭ އެއްގޮތަށް އާރްޓީއެލް ހިދުމަތް ފަށާނީ ކޮން އިރަކުތޯ އެވެ.
މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުގެ ބަދަލުގައި ސައީދު ދެއްކެވީ އާރްޓީއެލް ހިދުމަތްތައް ފުޅާ ކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ކަންކަމުގެ ވާހަކަ އެވެ. އެގޮތުން އާރްޓީއެލް ހިދުމަތް ނުދެވި އޮތް ފަސް އަތޮޅާ އެކު އަންނަ އަހަރު ޖެނުއަރީ ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އެ ހިދުމަތް ފުޅާ ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބު ނުލިބުމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރުން ވަނީ އަލުން ސުވާލު ތަކުރާރު ކުރައްވައިފަ އެވެ.
"ސުވާލަކީ ފެރީތައް ކެންސަލްވާ ކެންސަލްވުމަށް އޮތް ހައްލަކީ ކޮބާތޯ އެހެންވެ އެ ސުވާލު އަޅުގަނޑޫ ތަކުރާރު ކޮށްލީ ދެވަނަ ފަހަރު." އޭނާ ވިދާޅުވި އެވެ.
ސައީދު އަނެއްކާވެސް އެ ސުވާލަށް ޖަވާބު ނުދީ ދެއްކެވީ ހިދުމަތް ފުޅާ ކުރާ ވާހަކަ އެވެ.
"އާރްޓީއެލްގެ ޖަވާބު މިދިނީ، އާރްޓީއެލްގެ ހިދުމަތް 2027 ޖެނުއަރީ މަސް ނިމުމުގެ ކުރިން ބާކީ އޮތް ފަސް އަތޮޅާ އެއްކޮށް މި ހިދުމަތް ފެށުން މިއޮތީ،" އޭނާ ވިދާޅުވި އެވެ.
އާރްޓީއެލް ހިދުމަތާ ގުޅޭ ސުވާލަށް ޖަވާބު ނުދެއްވައި އެހެން ވާހަކަތައް ދައްކަވާތީ އިދިކޮޅު މެންބަރުން އެކަމާ ހިތްހަމަ ނުޖެހި އަޑުގަދަ ކުރި އެވެ.