"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މި ތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ވެސް ތަނަވަސްކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އިން ދޫކޮށްފައިވާ ގޯތިތައް ވިޔަފާރީގެ ބޭނުންތަކަށް ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ދިރިއުޅުމުގެ ބޭނުމަށް ފިޔަވައި، އިތުރު ކަންކަމަށް ބޭނުންކުރުމުގެ ހުއްދައެއް މީހާތަނަށް ނުދެ އެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުން ނިންމުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި، މުއްތަލިބު ވިދާޅުވީ، ކުރީގެ ސަރުކާރުން ހުޅުމާލޭގެ ޕްލޭނު ބަދަލުކޮށް، 2،000އަށް ވުރެ ގިނަ ގޯތި ދޫކުރުމުގެ ސަބަބުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ މިންވަރަށް އެޗްޑީސީގައި މިހާރު ބިން ނެތް ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މި ތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގު ވެސް ތަނަވަސްކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، އެ ބިންތައް ބޭނުންނުކުރެވި ވަރަށް ބޮޑަށް "ތަޅުއެޅުވިފައި" ބޭއްވުމުގެ ބަދަލުގައި، އެ ބިންތައް ބޭނުންކުރެވޭނެ އިތުރު ގޮތްތައް ފަހިކޮށްދޭން ޖެހެ އެވެ.
ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުން އަމިއްލަ ފަރާތްތަކުގެ ބިންތަކުގައި ކުރާ އިންވެސްޓްމެންޓްތަކުން ހުޅުމާލޭގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ލިބޭނެ ގޮތް ހޯދުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.