ދުމުގެ އަސަރު ކުރި މީހުންގެ ތެރޭގައި ތިން މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ.

މާލޭގެ ލޮނުޒިޔާރަތް މަހުގައި ހުރި ގ. ފުންފަޅު ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.
ރޭ 10:40 ހާއިރު މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ ރޭ 11:48 ހާއިރު އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އެގޮތުން 25 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާއިރު، ތިން މީހަކަށް ވަނީ އޭޑީކޭގައި ފަރުވާ ދީފަ އެވެ.
ދުމުގެ އަސަރު ކުރި މީހުންގެ ތެރޭގައި ތިން މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ.

އެންޑީއެމްއޭ އިން ބުނީ އަލިފާން ރޯވި އެޕާޓްމެންޓް ހުރި ފަންގިފިލާގެ ތިން އެޕާޓްމެންޓަށާއި ފެން ވައިރު މައްސަލަ ޖެހިގެން ފެން ނުލިބޭ އެޕާޓްމެންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން އެ ފަރާތްތަކަށް އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން ގެންދާ ކަމަށް ބުންޏެވެ.
މި ހާދިސާގައި އެ އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމެންޓްގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. މުޅި އެޕާޓްމެންޓަށް އަލިފާނުގެ އަސަރު ވަނީ ކޮށްފަ އެވެ.