މިދިޔ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޖުމްލަ 38,770.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރެވިފައިވަނީ އެންމެ 12,613.1 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖޭގެ މަސްވެރިކަމަށް މި އަހަރު ބޮޑު ހީނަރުކަމެއް އައިސް ރާއްޖޭން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި މިންވަރު 67.5 ޕަސެންޓް ދަށަށް ގޮސްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރުކުރި މަހުގެ ޖުމްލަ މިންވަރު (ވޮލިއުމް) ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުގެ މައްޗަށް ބަލައި އެކުލަވާލާފައިވާ މި ހިސާބުތަކުން ހާމަވާ ގޮތުން މިދިޔ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޖުމްލަ 38,770.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރެވިފައިވަނީ އެންމެ 12,613.1 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 67.5 ޕަސެންޓް ދަށްވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ކަނޑުކުރި ކަނޑު މަހުގެ 35,231.0 މެޓްރިކް ޓަނު އެކްސްޕޯޓް ކުރި ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރި އަދަދު ވަނީ 9,294.0 މެޓްރިކް ޓަނެވެ. މިއީ 73.6 ޕަސެންޓްގެ ދަށްވުމެކެވެ. މީގެ އިތުރުން އަގު އެއްކޮށްގެން ބޭރުކުރާ ދަޅުމަހާއި ޕައުޗް ބޭރުކުރި މިންވަރުވެސް ވަނީ ދަށްވެފަ އެވެ.
މި ބާވަތްތަކުގެ އެކްސްޕޯޓް ކުރި މިންވަރު 12.0 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ-މޭ މަހު 2,604.4 މެޓްރިކް ޓަނު އެކްސްޕޯޓް ނަމަވެސް މިއަހަރު އެކްސްޕޯޓްކޮށްފައިވަނީ އެންމެ 2,291.7 މެޓްރިކް ޓަނެވެ.
ތެލުގެ އަގު ބޮޑުވުމާއި ސަރުކާރު ކުންފުނިތަކަށް ގިނަ އަދަދެއްގެ މަސްވެރިކަން ވެއްދުމުގެ ސަބަބުން މަސްވެރިކަން ވަނީ ބޮޑުތަނުން ހީނަރުވެފަ އެވެ. މިގޮތުން ސަރުކާރު ކުންފުނި މިފްކޯއަށް މިވަގުތު މަސް ކިރަނީ 200 ވަރަކަށް ދޯންޏެކެވެ. ނަމަވެސް ކަޅުބިލަ މަހުގެ މަސްވެރިކަމުގައި 400 އެއްހާ ދޯނި ރާއްޖޭގައި ހަރަކާތެރިވެ އެވެ.