އެމްޑީޕީގެ އަސާސީ ގަވާއިދަށް އެފަދަ އިސްލާހެއް ހުށަހަޅަން އުޅޭ ކަމަށް ވަނީ އަޑުފެތުރިފައި

ޗެއާޕާސަންގެ މަގާމުގައި ހުންނެވި ބޭފުޅަކު ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަށް ރިޔާސީ ޓިކެޓަށް ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާތީ އެކަމާ ގުޅިގެން ނަޝީދު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ޗެއާޕާސަންގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ނުދެކެން." އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ތާއީދާ އެކުގަ އެވެ. ދެ ބޭފުޅުން އެއްބަސްވެފައި ވަނީ ފައްޔާޒް ރިޔާސީ ޓިކެޓަށް ވާދަ ކުރުމަށާއި ނަޝީދު އޭނާ އެންޑޯޒް ކުރެއްވުމަށެވެ. އެގޮތަށް އެއްބަސްވާ ކަމަށް ދެ ބޭފުޅުން ވަނީ މީޑިއާގެ ކުރިމަތީގައި ހާމަ ވެސް ކުރައްވައިފަ އެވެ.
ނަމަވެސް ނަޝީދު ޗެއާޕާސަންގެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުވި ހިސާބުން ފެށިގެން ބައެއް ފަރާތްތަކުން އަންނަނީ ނަޝީދު ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ވެސް ބުނަމުންނެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ ތުހުމަތުތައް އިންކާރު ކުރައްވަ އެވެ.
އެގޮތުން ނަޝީދާއި ފައްޔާޒް މި ފަހުން ގުޅުން ގޯސްވެފައިވޭތޯ ނޫސްވެރިއަކު މިއަދު ސުވާލު ކުރުމުން ނަޝީދު ވަނީ އެކަން ވެސް ދޮގު ކުރައްވައިފަ އެވެ.
"އަޅުގަނޑާ ފައްޔާޒާ ވަރަށް ގުޅުން ރަނގަޅު، އަދި ގުޅުން ގޯސްވާން ޖެހޭ ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.