ޓެރަރިސްޓް ހަމަލާއެއް އަމާޒުވެ ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ނަޝީދު ވިދާޅުވި

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާ އިރު ސެކިއުރިޓީ ނުދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދުނިޔޭގައި މިހާތަނަށް ސިޔާސީ ފަރާތްތަކަށް ހަމަލާ ދީފައި ވަނީ ސިޔާސީ އެއްވުންތަކުގެ ތެރެއިން ކަމަށާއި އެފަދަ އެއްވުންތަކަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
މޭ 6، 2021 އެފަދަ ހަމަލާއެއް އަމާޒުވެ ވަރަށް ބޮޑަށް އަނިޔާވި ނަޝީދު ވިދާޅުވީ ސެކިއުރިޓީ ކަނޑާލާފައި އޮއްވާ ސިޔާސީ އެއްވުމެއްގެ ތެރެއިން އަނެއްކާވެސް އެފަދަ ޓެރަރިސްޓް ހަމަލާއެއް އަތުވެއްޖެ ނަމަ ސިޔާސީ މީހާގެ އިތުރުން އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކަށް ގެއްލުން ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ބައެއް ފަހަރަށް 30 މީހުން މަރުވެފައި އަނެއް ފަހަރަށް 80 މީހުން މަރުވެފައި އެބަވޭ. އެންމެ ބޮޑަށް ސަލާމަތީ ބާރުތަކުން ސަލާމަތްތެރިކަން ބަލަހައްޓަން މި ޖެހެނީ އެއްވުމެއްގެ ތެރެއިން. އެފަދަ އެއްވުމެއްގެ ތެރެއަށް ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސުން ފަދަ ބޭފުޅުންގެ ސެކިއުރިޓީ ކަނޑާލުމަކީ ސިޔާސީ ވިސްނުމެއްގައި ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސެކިއުރިޓީ ކަނޑާލައިގެން މުޒާހަރާ އަށް ދިޔުން ހުއްޓުވޭނެ ކަމަށް ގަބޫލު ކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކަންބޮޑުވުމަކީ އަޅުގަނޑޫ މަރުވުން އެކަންޏެއް ނޫން، ބައިވަރު މީހުންނަށް ގެއްލުން ލިބިދާނެ. މިއީ ސިޔާސީ ވިސްނުމަކަށް ކުރާ ކަހަލަ ކަމެއް ނޫން. އަޅުގަނޑުގެ ހިތެއް ނުބުނޭ އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑޫ މަގުމައްޗަށް ނުނިކުމެ ހުރެދާނެ ކަަމަށް." ނަޝީދު ވިދާޅުވި އެވެ.
މެއި 6 ގައި ނަޝީޑަށް ހަމަލާދީ ޒަހަމް ކޮށްލި ފަހުން އެމްއެމްޑީއެފް އިން ވަނީ ނަޝީދަށް ތްރެޓް ލެވަލް ހައި ކަމަށް ނިންމައި ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.
ނަމަވެސް އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު މަޖިލީހުގެ 241 ކޮމިޓީން އިސްލާހު ކޮށްފައި ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން ގުޅިގެން މަގުމަތީ ހަރަކާތްތައް ފަށަން ނިންމާފައި ވަނިކޮށެވެ.