އެއާޕޯޓު މުވައްޒަފުން ސެކިއުރިޓީ ފާސް އަޅައިގެން މަނާ ސަރަހައްދުތަކަށް އަމިއްލަ ބޭނުންތަކަށް ދާ މައްސަލަ ފާހަގަވެފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ދީފައިވާ ހާއްސަ ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފި އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެއްވެސް އޮޕަރޭޝަނަލް ބޭނުމެއް ނެތި ބައެއް މުވައްޒަފުން އެރައިވަލް ޓާމިނަލްގެ ބެގޭޖް ބެލްޓާ ހަމައަށް ދާ ކަމަށާއި އެ ހިސާބަށް ގޮސް ބައެއް ފަސިންޖަރުންނާ މުއާމަލާތް ކުރާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން އެވިއޭޝަން ސެކިއުރިޓީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހިނގާ ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ވެސް ހުރަސް އެޅޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މުވައްޒަފުންނަށް ދީފައިވާ ސެކިއުރިޓީ ފާހަކީ ރަސްމީ ދަތުރުތަކާއި ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ރަސްމީ ބޭނުންތަކުގައި ވަނުމަށް ދޫކޮށްފައިވާ ފާހެއް ކަމަށާއި އެ ފާސް އަޅައިގެން ހުއްދަ ނެތް ސަރަހައްދުތަކަށް ވަނުމާއި އަމިއްލަ ބޭނުންތަކަށް ފަސިންޖަރުންނާ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.\
ގަވާއިދާ ހިލާފަށް އެފަދަ ގޮތަކަށް އަމަލު ކުރާ މުވައްޒަފުން އަތުން ފާސް އަތުލުމާއި ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.