އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ދިވެއްސެއް

ފުލުސް އޮފީހަށް ގެންދިޔަ މީހަކު ފިލުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
އެ މައްސަލާގައި ހިމެނެނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހައްޔަރު ކޮށްގެން ޕޮލިސް ސްޓޭޝަނަށް ގެންދިޔުމަށް ފަހު އެތަން ދޫކޮށް ނުދިޔުމަށް ތަކުރާރުކޮށް އަންގައި މަނާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ފިލި މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް އެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުންގެ މަސައްކަތަށާއި ގާނޫނު ތަންފީޒުކުރަން ގަސްތުގައި ހުރަސްއަޅައި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ސީރިޔަސް ކުށެއް ކަމަށް ވެސް އެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.
އޭނާ ފުރަތަމަ ފުލުސް އޮފީހަށް ގެންދިޔައީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ އަމުރުގައި ބުނެފައި ނުވެ އެވެ.