ވީއައިއޭއިން ފްލައިޓްތަކަށް ކޮއްތު ދީގެން އެމްއައިސީއަށް 34.98 މިލިއަން ޑޮލަރު

މި ކުންފުންޏަށް މިދިޔަ އަހަރު ވަނީ 59.89 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 923.5 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިފަ އެވެ. އަދި ސާފު ފައިދާވެސް ވަނީ 10.05 މިލިއަން ޑޮލަރުން 14.40 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

އެމްއޭސީއެލް އާއި ސިންގަޕޫރުގެ ސެޓްސް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އިންފައިޓް ކޭޓަރިން ކުންފުނި

މޯލްޑިވްސް އިންފްލައިޓް ކޭޓްރިންގް ޕްރައިވެޓް ލިމިޓެޑް (އެމްއައިސީ) އިން މިދިޔަ އަހަރު ރާއްޖެ އަންނަ މަތިންދާ ބޯޓުތަކަށް އިންފްލައިޓް ކޭޓަރިން ނުވަތަ ކެއުން ފޯރުކޮށް ދީގެން، 34.98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިިފި އެވެ. 

އޮޑިޓް އޮފީހުން ނެރެފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސިންގަޕޫރުގެ ސެޓްސް (ސްޓެޓް) ކުންފުނި ގުޅިގެން ހިންގާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ އެމްއައިސީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ދައްކާ ގޮތުން އިންފްލައިޓް ކޭޓްރިންގް އޮޕަރޭޝަންސް އާއި ކޭޓްރިންގް އަދި ކެބިން ހޭންޑްލިންގް ވިޔަފާރިން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 34.98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. ނަމަވެސް 2024 ވަނަ އަހަރު މި ދާއިރާއިން ލިބިފައިވަނީ 30.45 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. 

މޯލްޑިވްސް އިންފްލައިޓް ކޭޓްރިންގް ކުންފުނިން ވަނީ މިދިޔަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރާ ބޭރުގެ 12 އަށްވުރެ ގިނަ އެއާލައިންތަކަށާއި، ޕްރައިވެޓް ޖެޓްތަކަށް ކޮންމެ ދުވަހަކު 4,500 އާއި 6,500 އާ ދެމެދުގެ އަދަދަކަށް ކެއުން ފޯރުކޮށް ދީފަ އެވެ. 

މި ވިޔަފާރީގެ އިތުރުން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ކުންފުނިން ވަނީ ހުޅުލެ އައިލެންޑް ހޮޓާ ހިންގައިގެން ކޮޓަރި ކުއްޔާއި ކާބޯތަކެތީގެ ހިދުމަތް ދީގެން މިދިޔަ އަހަރު އިތުރުން 10.01 މިލިއަން ޑޮލަރު ހޯދާފަ އެވެ. އެ ކުންފުނިން 2024 ވަނަ އަހަރު ލިބުނީ 9.14 މިލިއަން ޑޮލަރެވެ. އަދި މަޑިފުށ ޕްރައިވެޓް އައިލެންޑް ރިސޯޓު ވެސް އެ ކުންފުނިން ހިންގަ އެވެ. މި ރިސޯޓުގެ ވިޔަފާރިން އެ ކުންފުންޏަށް މިދިޔަ އަހަރު 14.88 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރު ލިބުނު 8.74 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

އިންފްލައިޓް ކޭޓަރިން ކުންފުނީގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެމްއައިސީ އަށް މދިޔަ އަހރު އަހަރު ލިބުނު ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެ، 59.89 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 923.5 މިލިއަން ރުފިޔާ) އަށް ވަނީ އަރާފަ އެވެ. މިއީ 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 48.34 މިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު 23.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކުންފުނީގެ ސާފު ފައިދާ ވެސް ވަނީ 10.05 މިލިއަން ޑޮލަރުން 14.40 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއާއެކު ހިއްސާދާރުންނަށް ބެހުމަށް ބޯޑުން ނިންމާފައިވަނީ 8 މިލިއަން ޑޮލަރުގެ ޑިވިޑެންޑެއްވެސް ފާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.