ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ ތެރެއިން ގޭންގު ކުށްތަކުގެ އަދަދު މަދުވެ، ގޭންގު ކުށާ ގުޅުންހުރި މަރުތައް ވެސް މިހާރު މަދުވެފައިވާ ކަމަށެވެ.

ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި، އަނބުރާ މުޖުތަމައުތެރެއަށް ބޭރުވެ، އެ މުއައްސަސާތެރޭގައި ހިނގާ ނުބައި އަމަލުތަކުގެ އަޑު މިހާރު ނީވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕްލަސް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ގެނައުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެކަންކަމުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ފުލުހުންގެ މުއައްސަސާއަށް އޮތް ނުފޫޒު ނައްތާލެވިފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރާއި ބައި ދުވަސްތެރޭ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް އެ މުއައްސަސާ ހަރުދަނާކޮށް، އެކަމުގައި ފުލުހުންގެ ދައުރު އަދާކުރަން ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް ރެއިޑްކޮށްގެން މި ހޯދާ [މަސްތުވާ] ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމައުއަށް ދިއުމާ، ނުބައި ނުފޫޒުތުތައް ވެސް ހުރި، އެކަންކަން، އެ ވަކިތައްވެސް ނައްތާލައި އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާތެރޭ މިހާރު ވަރަށް ނީވޭނެ މިދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ޒުވާނުންނަށް އެކިކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދީ، ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އުތުރުތިލަފަޅުގައި ގާއިމްކުރާ "ހޯޕް އައިލެންޑް" ގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އެކަމުގެ ނަތީޖާ ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ ތެރެއިން ގޭންގު ކުށްތަކުގެ އަދަދު މަދުވެ، ގޭންގު ކުށާ ގުޅުންހުރި މަރުތައް ވެސް މިހާރު މަދުވެފައިވާ ކަމަށެވެ.