އެމްއެމްއޭއިން ވަނީ ކުރީގެ ގަަވަރުނަރުންނާއި ޑެޕިއުޓީން އަދި މުހިންމު މުއްސަސާތަކުން ކުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށްފަ އެވެ.

ރާއްޖޭގެ މާލީ ދާއިރާ ބަލަހައްޓާ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރުންނާއި ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑުތަކެއް ދީފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި، ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަ" އެވޯޑް ވަނީ ދީފަ އެވެ.
އެމްއެމްއޭ އުފެދުނީއްސުރެ ގަވަރުނަރުކަމާއި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި ބޭފުޅުން، މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އެވޯޑް އަރުވާފައިވެ އެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ހާއްސަ އެވޯޑުތައް ތަކެއްވެސް ވަނީ ދީފަ އެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވަނީ، ރާއްޖެއަށް ބޭންކިން ޚިދުމަތް ތަޢާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި، ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް އަރުވާފައެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަގުވަޒަންކޮށްފައިވަނީ، 1981 ވަނަ އަހަރު އެމް.އެމް.އޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށެވެ.

އަލްމަރްޙޫމް އިސްމާޢީލް ފަތުޙީއަށް ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިންގ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، އެވޯޑް އަރުވާފައެވެ. އަލްފާޟިލް އިލްޔާސް އިބްރާހީމާއި އަލްފާޟިލް އިބްރާހީމް ޝަފީޤަށް އެވޯޑް އަރުވާފައިވަނީ، ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށެވެ.
އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ޚާއްޞަ އެވޯޑެއް އަރުވާފައިވަނީ، "ރަންދިހަފަހެއް" ނޫޓު ސީރީޒް ތައާރަފުކުރެއްވުމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުން، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރައްވައި، ދިގު މުއްދަތަކަށް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފައިސާގެ ނިޒާމެއް ރާއްޖެއަށް ގެނެސްދެއްވުމުގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި، މި ބޭފުޅުން ވަނީ އެމް.އެމް.އޭ އަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ ނިޒާމު ރައްކާތެރިކޮށް، ގައުމީ ފައިސާ ނެރެ، ފައިސާ ދެއްކުމުގެ ނިޒާމުތައް ބަލަހައްޓައި، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މަރުކަޒީ ބޭންކަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްޤީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމާއި، މާލީ ޤަވާޢިދުތައް ހަރުދަނާވުމުގެ އިތުރުން، އައު ފައިސާގެ ސީރީޒްތައް ނެރުމާއި ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުން ހިމެނެއެވެ.