މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް | ބީއެމްއެލްއަށް މުހިންމު އެވޯޑްތަކެއް

އެމްއެމްއޭއިން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ދެނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ބޮޑެތި ކުރިއެރުންތަކާއި ހިދުމަތްތައް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ބީއެމްއެލްގެ ސީއީއޯ ޝަރީފު އެވޯޑްތަކާ ހަވާލު ވަނީ -- ބީއެމްއެލް

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއަށް 45 އަހަރު ފުރުމާ ދިމާކޮށް، މާލީ ދާއިރާގެ ފަރާތްތަކުގެ އަގު ވަޒަންކޮށް މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް ދީފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ބޮޑެތި ކުރިއެރުންތަކާއި ހިދުމަތްތައް ކޮށްދީފައިވާ މުއައްސަސާތަކާއި ފަރުދުންގެ އަގުވަޒަންކުރުމުގެ ގޮތުން "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގެ ވަނަތަށް ހަވާލު ކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން މާލީ ވަޒީރު މުހައްމަދު ޒަރީރު އެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމާއި ތަރައްގީކުރުމުގައި ހާއްސަ ދައުރެއް އަދާކުރި ފަރާތްތަކަށް ހިތްވަރުދީ އަގުވަޒަންކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި އެވޯޑެވެ. 

ބީއެމްއެލް އަށް ދެ ޝަރަފުވެރި އެވޯޑެއް

އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން - ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް މި އެވޯޑު ބީއެމްއެލް އަށް ވަނީ އަރުވާފައެވެ. ހާއްސަކޮށް ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި ޖިއޮގްރަފިކަލް ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމުގައި ބޭންކުގެ ދައުރު ފާހަގަކޮށް ދިން އެވޯޑެކެވެ. 

ބޭންކްއަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުންނެވެ.

އެވޯޑް ޕެނަލުން ފާހަގަކުރި ގޮތުގައި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީއަށް ބިނާވެފައިވާ މާލީ ހައްލުތައް ހޯދައިދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ސަބަބުން، ކަސްޓަމަރުން ބޭންކިންގ ހިދުމަތް ހޯދާ އަދި ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލް ބޭންކިންއަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ބަޔަކަށް ވަނީ ވެފައެވެ. މޮބައިލް ބޭންކިންގ އެޕްލިކޭޝަންތަކާއި، އިންޓަނެޓް ބޭންކިން، ސެލްފް ސަރވިސް ބޭންކިން އަދި ޑިޖިޓަލް ޕޭމަންޓް ހިދުމަތްތަކުގެ ސަބަބުން، ބޭންކުގެ ބްރާންޗުތަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މާލީ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް - ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތްތަކާއި މަޝްރޫއުތައް ކުރިއެރުވުމަށް ބޭންކުން ކުރާ މަސައްކަތްތަކަށް މި އެވޯޑު ވަނީ ލިބިފައެވެ. ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް ބޭންކުން ދޭ އެއްބާރުލުން އެވޯޑް ޕެނަލުން ފާހަގަކުރިއެވެ.

ފަހިޕޭ އަށް "އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑް

ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް ކުރިއެރުވުމަށް ފަހިޕޭ ޕްރައިވެޓް ލިމިޓެޑުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، "އެކްސެލެންސް އިން އެމާޖިން ފައިނޭންޝަލް އިނޮވޭޝަން" އެވޯޑް އެ ކުންފުންޏަށް ވަނީ އަރުވާފަ އެވެ. ފަހިޕޭ އިން މާލީ މުއާމަލާތްތަކުގައި ހުރި ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހޯދައިދީ، ކުރިއަރަމުން އަންނަ ފައިނޭންޝަލް ޓެކްނޮލޮޖީ "ފިންޓެކް" ގެ ދާއިރާގައި ދައްކަމުންދާ ހަރުދަނާ ކުރިއެރުން ފާހަގަކޮށްފައިވެ އެވެ. 

ދެ ކެޓަގަރީއަކުން އެވޯޑް ނުދެވުނު

މި ފަހަރުގެ އެވޯޑުތަކަށް ހުށަހެޅި ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، "އެކްސެލެންސް އިން ފައިނޭންޝަލް ލިޓްރެސީ އެންޑް ކޮންސިއުމަރ އެމްޕަވަރމަންޓް" އަދި "އެކްސެލެންސް އިން ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް ފައިނޭންސް" ކެޓަގަރީއަށް ހުށަހެޅި ހުށަހެޅުންތައް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތިފައިނުވާތީ، ޖަޖިން ޕެނަލުން ނިންމެވީ މި ދެ ކެޓަގަރީއިން އެވޯޑު ނުދިނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.