މޭރީ މަރައިލުމުގައި ބައިވެރިވި ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ލަމްހާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.

މާވިން އަދި ލަމްހާ: ދެމީހުން ގުޅިގެން މޭރީ މަރާލިކަމުގެ ތުހުމަތު ވަނީ ކޮށްފައި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް މަރައިލުމުގައި ބައިވެރިވިކަން ސާބިތުވެފައިވާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ލަމްހާގެ އިތުރުން އޭނާގެ އޭނާގެ ލޯބިވެރިޔާ / މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ އޮކްޓޫބަރު 19، 2021 ގައި މޭރީ އަދި މާވިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގައި މޭރީއަށް ހަމަލާދީގެން މަރާލާފައިވާ ކަމަށެވެ. މޭރީ މަރާލާފައިވާކަން މާވިންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.

އެ ދައުވާތައް ސާބިތުވެފައިވާތީ މިއަދު ވަނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުން ބާއްވާފަ އެވެ. އެގޮތުން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަށް އިއްވާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

އަނެއް ދެ ދައުވާއަށް އިއްވާފައި ވަނީ ހަތަރު މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.

ލަމްހާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.

ލަމްހާގެ ފަރާތުން ވަނީ އޭނާ ގޭ ބަންދަށް ނުވަތަ މުޖުތަމައުއަށް ހިދުމަތް ކުރުން ނުވަތަ ޖޫރިމަނާގެ އަދަބަކަށް ޖަލު ހުކުމް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް އެފަދަ ލުޔެއް ދޭނެ ސަބަބެއް ނެތް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އެކަން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާ މޭރީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. އަދި މޭރީއަށް ލަމްހާ އިންޒާރު ދީފައިވާކަން ވެސް ހެކިތަކުން އެނގޭ ކަމަށެވެ.

އަދި، މޭރީ މަރާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅު އެވަގުތު އެގެއިން ލަމްހާ ގެންގޮސްފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި މޭރީ މަރުވުމުން ލަމްހާ އެދަރިފުޅު އަނބުރާ ގެއަށް ގެނެސްފައިވާއިރު، މާވިން އެމްބިއުލާންސަށް ގުޅީ ވެސް ލަމްހާ އެގެއިން ނުކުމެގެން ދިޔަފަހުން ކަމަށް ހުކުމުގައިވެ އެވެ.

މި މައްސަލައިގައި ލަމްހާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު، މޭރީގެ ހަށިގަނޑުން ސަކްސިނަލްކޮލިން ކްލޮރައިޑް ޑްރަގް ވަނީ ފެނިފަ އެވެ. މީހާ ހޭނައްތާލުމަށް ބޭނުންކުރާ އެ ޑްރަގަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދޫކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ދީފައިވާ ކޮންޓްރޯލްޑް ޑްރަގެކެވެ. އެ ޑްރަގް ބޭނުންކޮށްފައިވާ ފުޅިއަކާއި ސިރިންޖުތަކެއް ލަމްހާގެ ގެއިން ވަނީ ފެނިފައިވާތީ، ކުށުގެ އަމަލުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

މޭރީ މަރައިލުމުގެ ކުށް ސާބިތުވެފައިވާ އޭނާގެ ފިރިމީހާ، މާވިން ވެސް 25 އަހަރަށް ޖަލަށްލާން ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.