ދައުލަތުން ބުނެފައި ވަނީ އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައި ނުގަންނަން ހައިކޯޓުން ނިންމުމުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި އެވެ.
އާ ރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެ، ޑިސެމްބަރު 25. 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމް ޖަލަށްލީ ތިން އަހަރަށެވެ.
ކުށް ސާބިތު ވުމުން މި ދެ ބޭފުޅުންގެ ފަރާތްޕުޅުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ ކޯޓުން ވަނީ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށް، އެ ހުކުމް ބާތިލު ކޮށްފަ އެވެ.
ހައިކޯޓުގެ ނިންމުމުގައި އަލުން މައްސަލަ ބަލައި ގޮތެއް ކަނޑައަޅަން ނިންމާފައިވާއިރު، ދިފާއީ ހެކި ނަފީ ކުރުމަށް ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ވަނީ އަންގާފަ އެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައި ވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަމަށް ބަޔާން ކޮށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މި މައްސަލައިގައި، އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ. އެހެންކަމުން އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ މައްސަލަތަކުގައި ދައުލަތުން ހަދާ ގޯސްތަކުގެ ފަރުވާ ކޯޓުތަކަށް ހޯދައިނުދެވޭނެ ކަމަށެވެ. އަދި އާ ހެކިތައް ބަލައިގަތުމުގައި ދަށު ކޯޓުން އިޖުރާއީ ގޯހެއް ހަދާފައިވާނަމަ، އެކަން ހައިކޯޓުގައި ފާހަގަކޮށްދީފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، ހައިކޯޓުގައި ފާހަގަ ނުކުރާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ނުކުތާތަކާ މެދު ގޮތް ކަނޑައަޅަން ޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތް ކަމަށް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.
މި މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން، ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައިވާ އާރަށުގެ މައްސަލަ އޮތީ މަޑުޖައްސާލައިފަ އެވެ. މި ހުކުމާއެކު ދައުލަތުން ހުށަހެޅި އާ ހެކިތައް ދެން ބަލައެއް ނުގަނެވޭނެ އެވެ.