ގާސިމްގެ މަރު: އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ދައުލަތުން ހައިކޯޓަށް ހުށަހެޅި އެ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޓެކްސީ ޑްރައިވަރު ގާސިމް (ކ) އަދި އަދުހަމް (ވ)

ޓެކްސީއެއް ތެރޭގައި ޑްރައިވަރަށް ބިރު ދައްކައިގެން ފޭރެން އުޅެ، އެކަން ނާކާމިޔާބު ވުމުން ވަޅިން ހަމަލާދީ ޑްރައިވަރު މަރައިލި ޅ. ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ޑިސެމްބަރު 4، 2019 ގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި ވަނީ ހަތް އިންޗި ވަޅިއެއްގެ ތިލަ އެއްކޮށް އޭނާގެ ކަރަށް ވައްދާލުމުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. މި މައްސަލާގައި އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗަކުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލަ ސާބިތުވާ ކަމަށް ކަނޑަޅައި، އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މޭ، 2023 ގައެވެ.

\މަރަން ހުކުމް ކުރާ މީހުންގެ މައްސަލަތައް އެމީހުންގެ ފަރާތުން އިސްތިއުނާފް ނުކޮށްފިނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅަން ޖެހެ އެވެ. 

އެގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި އެ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ އަދުހަމް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ގާސިމް މަރާލުމުގެ ގަސްތު ނެތް ކަމަށާއި، އެއީ މަސްތުވެގެން ހުރެ ކުރެވުނު ކަމެއް ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އެކިފަހަރު އެކި ގޮތަށް ހާދިސާ ހިނގި ގޮތް ޝަރީއަތަށް ކިޔައިދީފަ އެވެ.

ދަށު ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ގާސިމްގެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެ ގާސިމްގެ ކަރާ ދިމާލަށް ވަޅި ދިއްކުރުމަކީ މަރާލުމުގެ ގަސްތު އޮތް ކަމަށް ބެލެވޭ ކަމެއް ކަމަށެވެ. ކަރަކީ އަނިޔާއެއް ލިބިއްޖެނަމަ މަރުވެދާނެ ގުނަވަނަކަށްވާއިރު، އެއީ މީހަކު ގަސްތުގައި މަރާލުމަށް ދީފައިވާ އަނިޔާއެއް ކަމަށް ބެލެވެ އެވެ.

ހަމަލާއަށްފަހު އޭނާގެ އަމަލުތައް ހުރި ގޮތުން ވެސް މަރާލުމުގެ ނިޔަތް އޮތް ކަމަށް ހުކުމުގައިވެ އެވެ. ހަމަލާއަށްފަހު އަދުހަމް ކާރުން ފޭބިއިރު ކަރުގައި އަތް އަޅައިގެން ގާސިމް އެހީއަށް އެދުނު ނަމަވެސް އަދުހަމް އެތަނުން ފިލީ އެވެ. އަދި ވަޅި އާއި ލައިގެން ހުރި އެއްޗެހި ވެސް ފޮރުވީ އެވެ. އޭނާގެ ފަރާތުން ގާސިމްއަށް އެހީތެރިކަން ފޯރުކޮށްދީ، ހޮސްޕިޓަލަށް ގެންގޮސްދިންނަމަ، ގަސްދެއް ނެތި ވީކަމެއް ކަމަށް ބެލެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މަރަން ކުރާ ހުކުމްތައް ތިން މަރުހަލާ ފުރިހަމަކުރަން ޖެހެ އެވެ. ހައި ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރަން ޖެހޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.