އިންވެސްޓް ކުރާ ފަރާތްތަކަށް 25 ޕަސެންޓާ ހަމައަށް ޕްރޮފިޓް ލިބޭނެ އެވެ. އަދި އެ ފައިސާ ޖެހިގެން އަންނަ ދުވަހު އެ މީހެއްގެ އެކައުންޓަށް ޖަމާ ކޮށްދޭނެ އެވެ.

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޔޫއެސް ޑޮލަރު ވިއްކުން 25 ޕަސެންޓާ ހަމައަށް އިންވެސްޓް ކުރުމުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.
"އިންވެސްޓްމަންޓް ބައި ބީއެމްއެލް" ގެ ނަމުގައި ތައާރަފު ކުރި މި އިންވެސްޓް ކުރުމުގެ ފުރުސަތާއެކު ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބެ އެވެ. މިގޮތުން ޑޮލަރު ވިއްކައިގެން ތިން ދަރަޖައެއްގެ ފައިދާ ހޯދަން ފުރުސަތު އޮވެ އެވެ. މިގޮތުން 25 ޕަސެންޓާ ހަމައަށް ޕްރޮފިޓް ލިބޭނެ އެވެ. އަދި އެ ފައިސާ ޖެހިގެން އަންނަ ދުވަހު އެމީހެއްގެ އެކައުންޓަށް ޖަމާ ކޮށްދޭނެ އެވެ.
މި ފުރުސަތު ތައާރަފްކުރުމަށް ހޮޓެ ލްޖެންގައި "ޗެޓު ވިތު ސީއީއޯ" ގެ ނަމުގައި ބޭއްވި އިވެންޓުގައި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.
"ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު މިވަނީ 2 ގުނައަށްވުރެ ވެސް ބޮޑުވެފައި. ކޮންމެ މަހަކު ދެލައްކަ ފަންސާސް ހާހާއި ތިންލައްކަ އާއި ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދޭ،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑާ އީ-ކޮމާސް) އިތުރުވެގެން ދިމެވެ.
"މިއީ ރާއްޖެ އިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް،" ޝަރީފު ވިދާޅުވި އެވެ.

"މީގެ އިތުރުން، މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް. މިއާއިއެކު ގިނަފަރާތްތަކުގެ ތަނަވަސްކަން އިތުރުވުމާއިއެކު ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް މިވަނީ ފަހިވެފައި."
އޭނާ އިތުރަށް ވިދާޅުވީ ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް. ކާޑުގެ މުޢާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް ކަމަށާ އެހެން ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން. ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފަ އެވެ.
" މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް. މި އަދަދު މަހުން މަހަށް މިދަނީ އިތުރުވަމުން. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއްނޫން. އެހެން ނަމަވެސް ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާގޮތަށް ނުވަތަ މެދުކެނޑޭގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ބޭންކުން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް. އެހެންކަމުން ވަރަށްވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުން ފަރާތްތަކަށާއި،އަދި ބޭންކަށްވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރުމެވެ.
" ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅުފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ. މީގެ ސަބަބުން ބޭންކަށް ޑޮލަރުލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑުޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިއުން،" ޝަރީފު ވިދާޅުވި އެވެ.