އެ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ތެރެއިން، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ޝަކީލް އެ މަގާމަށް އައްޔަނުކުރުމާ އިއުތިރާޒް ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމަށް، އެ ކޮމިޝަންގެ މެމްބަރު ކަމަށް މިދިޔަ ހަފްތާ އައްޔަނު ކުރި މުހައްމަދު ޝަކީލް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަދި ޕީއެންސީގެ ރެޖިސްޓްރާގެ މަގާމުގައި ހުންނެވި ޝަކީލް، އީސީގެ ރައީސްގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އިއްޔެ އެވެ.
އެ ކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހަމަ އިއްޔެ ދިރާސާކުރުމަށްފަހު، އީސީގެ ރައީސްކަމަށް ޝަކީލަށް ރުހުންދޭން ފެންނަކަމަށް ވަނީ ނިންމައިފަ އެވެ.
އެ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގެ ތެރެއިން، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ޝަކީލް އެ މަގާމަށް އައްޔަނުކުރުމާ އިއުތިރާޒް ކުރައްވައިފަ އެވެ.
މިގޮތުން، ވެރިކަންކުރާ ޕީއެންސީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު، އީސީގައި އިސްކޮށް ހުންނަވައިގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެކަމަކަށް ގަބޫލުނުކުރާކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އެއާ އެކު، ޝަކީލް އެ މަގާމަށް އައްޔަނުކުރަން ނެގި ވޯޓުގައި އެމްޑީޕީ މެމްބަރުން ވޯޓު ދެއްވާފައިވަނީ އެކަމާ ދެކޮޅަށެވެ.
ނަމަވެސް، މަޖިލީހުގައި އޮތް ޕީއެންސީގެ ސާފު އަގުލަބިއްޔަތާ އެކު، އީސީގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރަން ރުހުން ދީފައިވަނީ 51 މެމްބަރުންގެ ވޯޓާ އެކު އެވެ.
އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.