އެކަމާ ގުޅޭ މަޝްވަރާއެއް އަދި ދިރާސާއެއް ވެސް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުން ޓޮލް ފީއެއް ނެގުމާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ދިރާސާއެއް ވެސް ނުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ރައީސް މުއިއްޒު ވަނީ ސިނަމާލެ ބްރިޖުން ޓޮލް ފީއެއް ނެގުމާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އެކަމަށް އަލިއަޅުވާލައި ރައީސް މިއަދު ވިދާޅުވީ ޓޮލް ނުނަގަން ނިންމީ އެންމެ ފަހު ވަގުތުގައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ނިންމުން ދެމެހެއްޓެވި ކަމަށާއި އަދި މި ސަރުކާރުން ވެސް އެގޮތުގައި ދެމި އޮންނަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުން ވެސް ވަކި ޓޯލް އެއް ނެގުމުގެ މަސައްކަތްތަކެއް ކުރަމުން ނުގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު އެ ހަދަމުންދާ ބްރިޖުގެ ޓޯލް ފީ ނަގާނެތޯއެއް މަޝްވަރާއެއް ނުކުރަން. އެކަމާ ގުޅޭ އެއްވެސް ކަހަލަ ކަމެއް އަދި ދިރާސާއެއް ވެސް ނުހަދަން." ރައީސް ވިދާޅުވި އެވެ.