މި ސްކީމުގެ ދަށުން ރަސްމާލޭން 15،000 ގޯއްޗާއި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ހިންގާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުން މި އަހަރުގެ ތެރޭގައި އިއުލާނުކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން ސަރުކާރުން އިއުލާނު ކުރާނެ ކަމަށެވެ.
"މި އަހަރު ތެރޭގައި ގޯތި ލިބޭ ހުރިހާ އެންމެންގެ ލިސްޓު ވެރިފައިކޮށް ނިންމައި އެ ފަރާތްތަކަށް ލިބޭކަން އެނގިގެންދާނެ. ފްލެޓަށް ކުރިމަތިލީ މީހުންނަށް އެ ފްލެޓުތައް ލިބޭކަން ވެސް އިރާދުކުރެއްވިއްޔާ ހަމަ މި އަހަރުގެ ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ޑޭޓު އިއުލާން ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސްކީމުގެ ދަށުން ރަސްމާލޭން 15،000 ގޯއްޗާއި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި، 2028 ވަނަ އަހަރުގެ މެދު ތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ ބޮޑު ބައި ނިމޭނެ އެވެ.