"ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ"ގެ ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރެވިގެންދާނެކަން މިނިސްޓަރު ހާމަކުރެއްވި.

ހާދިސާއެއް ނުވަތަ ކުށެއްކޮށްގެން ފުލުހުންނަށް ކުރާ ރިޕޯޓުތަކުގައި، އެ ސީނަކަށް ފުލުހުން ދިޔުން ލަސްވާ ހާލަތުގައި، އެތަނަކަށް ޑްރޯން ފޮނުވައިގެން ހާލަތު ދެނެގަތުމުގެ ހިދުމަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައި، އާ ތިން ވަސީލަތެއް އަންނަ އަހަރު ބޭނުންކުރަން ފަށާން ތައްޔާރުވެފައިވާ ކަމަށެވެ.
"މިގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެންސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރަމަށް ނެކްސްޓް ޖެނެރޭޝަން ހޯލް ހޭންޑްލިން އިކްއިޕްމެންޓާއި އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތް ހަދައި އެ ހިސާބުގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރެެވިގެން ދާނެ" އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން، "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ"ގެ ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރެވިގެންދާނެކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
އެ ހިދުމަތުގެ ތަފްސީލް ދެއްވަމުން، އިހުސާން ވިދާޅުވީ، "ކަމެއް ހިނގައިގެން ރިޕޯޓް ކުރުމުން އެ ކަމެއް ހިނގި ތަނަށް ޑްރޯން ފޮނުވައި އެ ސަރަހައްދުގެ ހާލަތު ވީޑިއޯގެ ޒަރިއްޔާ އިން ފުލުހުންނަށް ވަގުތުން ފެންނާނެ ކަމަށެވެ.
މިގޮތުން، ޓްރެފިކް ބާރު ބޮޑުވުމުގެ ސަބަބުންނާއި ކަނޑު ހުރަސްކޮށް ރަށަކަށް ދާން ހޭދަވާ ވަގުތުގެ ސަބަބުން ފުލުހުންނަށް އިޖާބަ ދެވޭ ވަރު ލަސްވިޔަސް ޑްރޯން ބޭނުންކޮށްގެން އެ ތަނެއްގެ ހާލަތު އެނގުމުން މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.