ހުރަސްތަކުގެ ސަބަބުން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވޭ ކަމަށް ރައީސް ވިދާޅުވި

މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނުގައި ހުރަސްތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންނަކީ އިތުބާރު ހުރި އަދި ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ތެދުވެރިކަމާ އެކީގައި ހިދުމަތް ދޭ މުއައްސަސާއަކަށް ވެގެން ދިޔުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ނަމަވެސް އެގޮތަށް ހިދުމަތް ދިނުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށާއި ގާނޫނީ ހުރަސްތަކެއް ވެސް ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"ފުލުހުންގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް އެބަހުރި. މިދެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުރަސްތަކެއް އެބަހުރި. އެއީ ހަގީގަތް. އެ ބަދަލުތައް ފުލުހުން މުއައްސަސާ އިން މަޝްވަރާ ކުރައްވައި ދިރާސާ ކުރައްވައި ނިންމަވާ ހެއްދެވީމަ ސަރުކާރުން އެ އިޖާބަ ދޭނަން." ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާގެ ކުރިއެރުވުމާއި ހަރުދަނާ ކުރުމުގެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުން އެ މުއައްސަސާގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ފުލުހުންގެ މަރުކަޒުތައް އެޅުމާއި ޒަމާނީ ވަސީލަތްތައް ގާއިމް ކޮށްދިނުމާއި ފުލުހުންނަށް ބޭނުންވާ ޓްރެއިނިންތައް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.