ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ހިންގަން ނިންމާފައިވާ ބިޔަ މަޝްރޫއުއަށް ޕްރޮގްރާމް މެނޭޖަރަކު ހޯދަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
ގޫގުލް ކެރިއާސްގައި ޖަހާފައިވާ އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ މީހެއްގެ ދައުރަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަ ކޭބަލް ލޭންޑިން ސްޓޭޝަން (ސީއެލްއެސް) އާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް (އޯއެސްޕީ) ގާއިމްކުރުމުގެ އެންމެހާ މަސައްކަތްތަކާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ކަމާ ގުޅޭ ފަރާތްތަކުގެ މެދުގައި ކުރަންޖެހޭ މުއާމަލާތްތައް ހިންގުމެވެ.
އެ މަޝްރޫއުގެ ސަޕްލަޔަރުންނާއި އެ މަސައްކަތަށް އުފައްދާ ކޮންސޯޓިއަމުން ކުރިއަށް ގެންދާ މަސައްކަތްތަކާއި އެހެން ކުންފުނިތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތައް ވެސް ބަލަން ޖެހޭނީ ގޫގުލްގެ އެ މުވައްޒަފެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިންގެ ފެންވަރު ހުރުމާއި، އިންޑިސްޓްރިއަލް އިންޖިނިއަރިން އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި ޕްރޮގްރާމް މެނޭޖްމަންޓް ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.
އެ މަޝްރޫއުއާ ގުޅިގެން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝަނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ބަޔާނުގައި ބުންޏެވެ.