ދިރާސާކުރާ ޖަމްއިއްޔާއެއް ކަމަށްވާ ސީއެސްއައިއެސް އިން ލަފާކުރާ ގޮތުގައި މި ހަނގުރާމައިގެ ޖުމްލަ ޚަރަދު 40 ބިލިއަން ޑޮލަރަށް އަރަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ހަރުބަސް" ވިދާޅުވަމުން ދަނިކޮށް އީރާނުން އެމެރިކާގެ ބޭސްތަކަށް ދިން ގެއްލުމުގެ ފޮޓޯތަކާއެކު ދިރާސާއެއް އާއްމުވެ، ގިނަ ބަޔަކު ހައިރާން ވެއްޖެ އެވެ.
އީރާނުން އަމިއްލަ އަށް އުފައްދާފައިވާ މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން މި ހަމަލާގެ ފޮޓޯތަކާއި ތަފުސީލް އާއްމުކޮށްފައިވަނީ އެމެރިކާގެ "ވޯލްޑް ސްޓްރީޓް ޖާނަލް" ނޫހުންނެވެ. އެ ނޫހުގައި މި ގެއްލުމުންތަކުގެ މައްޗަށް ތަފުސީލީ ރިޕޯޓެއް ވަނީ ގެނެސް ދީފަ އެވެ.
ބަހްރެއިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަށް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޖޫން މަހާ ދެމެދު ތަކުރާރުކޮށް ހަމަލާތައް ދީފައިވެ އެވެ. 'ވޯލް ސްޓްރީޓް ޖާނަލް' އިން ސެޓެލައިޓް ފޮޓޯތަކާއި، ސޯޝަލް މީޑިއާގެ ވީޑިއޯތަކާއި، އަދި މިހާރު ގެއާއި ކުރީގެ އަސްކަރީ މުވައްޒަފުންނާ ކުރި އިންޓަވިއުތަކަށް ބިނާކޮށް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މި ހަމަލާތަކުގައި އެ ބޭހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް ޕެންޓަގަނުން މިކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
މި ހަމަލާތަކުގައި ކަނޑުގެ ސިފައިންގެ ކޮމާންޑް ހެޑްކުއާޓާޒްގެ އިތުރުން މަދުވެގެން 12 އިމާރާތަކަށާއި ސެޓެލައިޓް މުވާސަލާތީ ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އެމެރިކާ އަސްކަރިއްޔާ އިން ބުނި ގޮތުގައި މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. އަދި ބޭހުގެ އޮޕަރޭޝަންތަކަށް މާބޮޑު ބުރޫއެއް އަރާފައެއް ނުވެ އެވެ. އެމެރިކާ އިން ވަނީ އެ ބޭހުގައި ތިބި ގިނަ މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މަދު މުވައްޒަފުން ކޮޅެއް އަދިވެސް އެތަނުގައި އެބަތިއްބެވެ.
ބަހްރެއިން ބޭހުގެ އިމާރާތްތައް އަލުން ބިނާކުރުމަށް އެކަނިވެސް ގާތްގަނޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. މެދުއިރުމަތީގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒީ އިމާރާތުގެ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތަން މިހާރު ބޭނުމެއް ނުކުރެވެއެވެ. މިތަން އަލުން ބިނާކުރުމުގެ އަގު 400 މިލިއަން ޑޮލަރަށް އަރާނެ އެވެ.

މި ބޮޑެތި ގެއްލުންތަކާ ގުޅިގެން އެމެރިކާ އިން ދަނީ މެދުއިރުމަތީގައި އެ ގައުމުގެ އަސްކަރިއްޔާ ގާއިމްވެފައިވާ ގޮތް މުޅިން ބަދަލުކުރުމަށް ވިސްނަމުންނެވެ.
މި ހަމަލާތަކުގައި ހަމައެކަނި ބަހްރެއިން އެކަންޏެއް ނޫނެވެ. ކުވެއިތުގައި ހުންނަ 'އަލީ އަލް ސާލެމް' އެއާ ބޭހަށާއި، ޔޫއޭއީ ގައި ހުންނަ 'އަލް ދާފްރާ' އެއާ ބޭހަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ސައޫދީ އަރަބިއްޔާގެ 'ޕްރިންސް ސުލްޠާން' އެއާ ބޭހުގައި ހުރި އެމެރިކާގެ މަރުކާގެ މަތިންދާ ބޯޓު ތަކެއް ވެސް ވަނީ ހަލާކުވެފަ އެވެ.
ދިރާސާކުރާ ޖަމްއިއްޔާއެއް ކަމަށްވާ ސީއެސްއައިއެސް އިން ލަފާކުރާ ގޮތުގައި މި ހަނގުރާމައިގެ ޖުމްލަ ޚަރަދު 40 ބިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ތެރެއިން އެމެރިކާގެ ބޭސްތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން 2.2 ބިލިއަނާއި 5.1 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެއެވެ.
ޔޫއެސް ސެންޓްރަލް ކޮމާންޑް ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި އެމެރިކާގެ އިސްތިރާޖީއަކީ އިމާރާތްތަކަށްވުރެ ބޮޑަށް އިންސާނުންގެ ފުރާނަ ސަލާމަތްކުރުމެވެ. އީރާނުން 8,000 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލިއިރު، އެމެރިކާގެ ސިފައިން މަރުވީ އެންމެ ދެ ހަމަލާއެއްގައެވެ. އަދި އެމެރިކާއިން އީރާނުގެ 13,500 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީ، މާ ބޮޑެތި ގެއްލުންތައް ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.