އެ ބައްދަލުވުންތައް ބާއްވާނެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންތައްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަކިވަކި ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުންތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ހުސްވި ހަފްތާގައި ޕީއެސްއެމްގެ ނޭޝަންސް ޗެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، މާލޭގައި ވެސް ބޭއްވެވި އެކި ކޮމިޔުނިޓީ ބައްދަލުވުންތަކުގައި އެ މަނިކުފާނާ ވަކިން ބައްދަލުކުރުމުގެ ފުރުސަތަކަށް ގިނަ ބަޔަކު އެދިފައިވާ ކަމަށެވެ.
އެ ފުރުސަތު ދެއްމުގެ ގޮތުން، ވަކިވަކި ރައްޔިތުންނާއެކު ބައްދަލުވުންތައް ބޭއްވުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވި އެވެ.
އެކަމާ ގުޅޭގޮތުން، މިއަދު ބޭއްވި "ޕްރެސާ ވިތު ދަ ސްޕޮކްސް"ގައި ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، މިހާރުވެސް ގިނަ އަދަދެއްގެ އާއްމުންނާއި ރައީސް ބައްދަލުކުރައްވަމުންދާ ކަމަށެވެ. އަދި އިތުރު ބައްދަލުވުންތަކެއް ބާއްވަން ނިންމި ސަބަބަކީ މިހާރަށް ވުރެ ފުޅާ ފުރުސަތުތަކެއް ހޯދައި ދިނުމަށް ކަމަށް މުންދު ވިދާޅުވި އެވެ.
އެ ބައްދަލުވުންތައް ބާއްވާނެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންތައްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަދި ބައްދަލުވުމުގެ އުސޫލު ކަނޑައެޅުމަށް ފަހު އެކަން އާއްމުންނަށް ތަފްސީލްތައް އެނގޭނެހެން އިއުލާންކުރާނެކަމަށް ވެސް މުންދު ވިދާޅުވި އެވެ.