ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ މުހައްމަދު އަލީ ޖަނާހް އަކީ ދުނިޔޭގެ މިހާ ބޮޑު އަމިއްލަ ޖަމިއްޔާއެއްގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ. އެކަން ވަނީ ތާރީހުގައި ލިޔެފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) އިން ދޭ އެންމެ ޝަރަފުވެރި އިނާމު، ރައީސް ކަމުގެ ދައުރު ހަމަވި މިހާރުގެ ރައީސް މުހައްމަދު އަލީ ޖަނާހް (ޖަނާ) އަށް އެ ޖަމިއްޔާއިން އަރުވައިފި އެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުފެދުނު، މިހާރު 60 އަހަރުވީ މި ޖަމިއްޔާގެ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ "އިޔޯ ޗުން ލޭ" އެވޯޑް ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހަށް އަރުވާފައިވަނީ ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި އިޕޮޕްކާ ކޮންވެންޝަން ނިންމުމުގެ ހަފުލާގަ އެވެ.
މެލޭޝިއާގެ މަޝްހޫރު ބިލިއަނަރެއް ކަމަށްވާ އިޔޯ ޝުން ލޭ ގެ ހަނދާނުގައި ދޭ މި އެވޯޑު ރާއްޖޭގެ މުހައްމަދު އަލީ ޖަނާހަށް އަރުވާފައި ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިމާރާތް ކުރުމުގެ ސިނާއަތަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ ޖަނާހަކީ ދުނިޔޭގެ މިހާބޮޑު އަމިއްލަ ޖަމިއްޔާއެއްގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ. މި ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން ޖަނާވަނީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ޕްރޮމޯޓްކޮށް އިންވެސްޓްމަންޓް އިތުރު ކުރަންވެސް ދުނިޔޭގައި މަސައްކަތް ކުރައްވާފަ އެވެ.
މިގޮތުން ރާއްޖޭގެ އިންވެސްޓްމަންޓުގެ ދާއިރާއިން ހުރި ފުރުސަތުތައް ވިދާޅުވެ ދެއްވަން ދުނިޔޭގެ 20 އަށްވުރެ ގިނަ ގައުމަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިއެއްގެ ހައިސިސްޔަތުން ވަޑައިގެން ދުނިޔޭގެ ވެރިން ތަގުރީރު ކުރައްވާ ޔޫއެންގެ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.
ދުނިޔޭގެ 19 ގައުމެއްގެ 350 މީހުން ބައިވެރިވެގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ އިފޮޕްކާ ކޮންވެންޝަންގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބް ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވަޑައިގަތެވެ. މީގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގެ އިސް ގިނަ ބޭފުޅުން މި ކޮންވެންޝަންގައި ބައިވެރިވަަޑައިގަތެވެ.