ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ޔުނިޓަރީ ދައުލަތެއް އޮތުމަށް ގާނޫނުއަސާސީގައި ހިމަނާފައިވަނީ، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖެގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަކީ ގައުމުގެ އެއްބައިވަންތަކަން ގެއްލޭނެކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ރައްޔިތުން ބޭނުންވީ، ބަރުލަމާނީ ނިޒާމެއްގައި ކަން ހިނގާނެ ގޮތް ރައްޔިތުންނަށް ސާފުކޮށް އެނގޭތީ ކަމަށެވެ.
މިގޮތުން، ބަރުލަމާނީ ނިޒާމު އޮންނަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވަމުންދާ ގޮތް މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ނެންގެވި އެވެ.
"އަހަރަކު އެއްފަހަރު ވެސް ބަދަލުވެދާނެ ބޮޑުވަޒީރު. ދެން ރައްޔިތުން ކައިރީ އަހާލުމެއް ނެތް އެ ބޮޑުވަޒީރު ބަދަލުވީ. ދެން އަނެއްކާ އެހެން މީހަކާ ހަވާލުވާންވީ، އެހެންވީމާ އެކަލަހަ ނިޒާމެއް ނޫން ރައްޔިތުން ބޭނުންވީކީއެއް،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް ނޫން ކަމާއި، ބަރުލަމާނީ ސިފަތައް ވެސް ހިމެނޭ "ހައިބްރިޑް" ނިޒާމެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ޔުނިޓަރީ ދައުލަތެއް އޮތުމަށް ގާނޫނުއަސާސީގައި ހިމަނާފައިވަނީ، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މިތަނަކަށް އެހެން ނިޒާމެއް ގެނެސް މިތަނުގައި މިއޮތް އެއްބައިވަންތަކަން، އެއްބައެއްވަންތަކަން ބަދަލުކޮށްލާނެ ކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑަކަށް ހިއެއް ނުވޭ ރައްޔިތުން ބޭނުންވާނެ ހެނެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމާ މެދު އަނެއްކާވެސް ބަހުސް ފެށިފައިވަނީ، އިދިކޮޅު އެމްޑީޕީގެ އާ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ނިޒާމަށް ގެންނަވަން އިއުލާނުކުރައްވާފައިވާ "ބޮޑު ބަދަލު" އާއެކު އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވުމުގެ ކުރިން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާ ގުޅިގެން ވެރިކަން ހިންގުމުގެ ނިޒާމަށް ހުށަހަޅުއްވާފައިވާ ބޮޑު ބަދަލަކީ، ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.
ވެރިކަން ހިންގުމުގެ ނިޒާމަށް ހުށަހަޅުއްވަން އުންމީދު ކުރައްވާ ބޮޑެތި ބަދަލުތަކެއްގެ ތަފްސީލް ދެއްވުމަށް މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ އޭނާ އަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވި ރައްޔިތުން 2028 ގައި އިންތިހާބު ކޮށްފި ނަމަ ފުރަތަމަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާނެ ކަމަށެވެ.
އެގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ބަދަލު ކުރައްވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ވެރިޔަކަށް އޭނާ ހުންނަވާފައި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ފައްޔާޒް ވިދާޅުވެފައިވެ އެވެ.
އެ ބަދަލަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ ޕާޓީ ނިޒާމު ކަމަށް ވާތީ ޕާޓީއެއްގެ ލީޑަރަކަށް ތާއީދުކުރުމުގެ ގޮތުން އެފަދަ ބަދަލަކަށް މަދު ބަޔަކު ތާއީދުކޮށްފާނެ ކަމަށެވެ.
އެމްޑީޕީން އެފަދަ ބަދަލެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަ ކަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.