އެމްއެމްއޭއިން ބުނީ މިމަހު 28 އިން އިން ފެށިގެން ކުރިއަށް އޮތް 3 މަހު ކޮންމެ ހަފްތާއަކު ބޭންކްތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް 25 އިންސައްތަ އިތުރުކުމަށް ނިންމާފައިވާކަމަށެވެ.

ޓޫރިޒަމް އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 25 % އިތުރުކުރަން ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނީ ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެކިބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރަން އެމްއެމްއޭއިން ނިންމައިފިއެވެ. މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި، މިމަހު 28 އިން އިން ފެށިގެން ކުރިއަށް އޮތް 3 މަހު ކޮންމެ ހަފްތާއަކު ބޭންކްތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް 25 އިންސައްތަ އިތުރުކުމަށް ނިންމާފައިވާކަމަށެވެ.
ބަދަލު ގެނައި ސަބަބު - މި ބަދަލު ގެންނަ ސަބަބަކީ ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ. މިއީ ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ.
މި އަަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. މިގޮތުން ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއަ ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކެވެ. އެމް.އެމް.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާ ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ތެލާ، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމް.އެމް.އޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު (2025 ގެ މިމުއްދަތާ އަޅާބަލާއިރު) 30 އިންސައްތަ އިތުރުވެފައެވެ.
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މި އިތުރުކުރި ކުރުމުގެ ސަބަބުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމް.އެމް.އޭ އިން ވަނީ ބޭރު ފައިސާ މާކެޓް ހަރުދަނާކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ބޭރުފައިސާގެ ޤާނޫނު ތަންފީޒުކުރުމާއި ޤަވާއިދުތަކަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމާއި، އަދި އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހިމެނެއެވެ.
އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރު ވިއްކިއިރު މީގެ ތެރޭން 42 ޕަސެންޓް ވިއްކާފައިވަނީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އެތެރެ ކުރުމަށެވެ. މި ޑޮލަރުގެ ތެރޭން ޖުމްލަ 650.9 މިލިއަން ޑޮލަރު ވިއްކާފައިވަނީ އެސްއޯއީތަކަށެވެ. މީގެ މައިގަނޑު ބޭނުމަކީ ތެޔޮ، ކާބޯތަކެތި، ބޭސް އަދި މެޑިކަލް ސާމާނު އިމްޕޯޓް ކުރުމަށާއި ބޭރުގެ ދަރަނި ދެއްކުމެވެ. މި ރިޕޯޓުގައިވާ ގޮތުން އާންމުންނާއި ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް 447.6 މިލިއަން ޑޮލަރު މިދިޔަ އަހަރު ދޫކުރެވުނެވެ. މިއީ ކުރީ އަހަރަށްވުރެ 29 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ބޭސްފަރުވާއާއި ތައުލީމަށް ބޭރު ގައުމުތަކަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ދޭ އެހީތެރިކަން މިދިޔަ އަހަރު ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ދަރަނި ދެއްކުމަށާއި، ތައުލީމާއި ސިއްހީ ކަންކަމަށް 436.0 މިލިއަން ޑޮލަރު އެމްއެމްއޭ އިން ފޯރުކޮށް ދީފައިވެ އެވެ.
އެމްއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރު ޖޫން އެއް ވަނަ ދުވަހުން ފެށިގެން، ބޭރު ފައިސާ މާރުކުރުމުގެ ނިޒާމަށް ގެނެއި ބަދަލާއެކުގަ އެވެ. މި ބަދަލާއެކު ޓޫރިޒަމް ސިނާއަތުން ބޭންކްތަކަށް 670.8 މިލިއަން ޑޮލަރު މާރުކޮށްފައި އެވެ. އަދި ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓްތަކާއި ގެސްޓްހައުސްތަކެއް ވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި ބަދަލާއެކު އެމްއެމްއޭއިން ވަނީ ޓޫރިޒަމް ސިނާއަތުން ލިބޭ ޑޮލަރު ދިވެހިންގެ ބޭނުންތަކަށް ހާއްސަކޮށްފަ އެވެ. މީގެ މައިގަނޑު ބޭނުމަކީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް އިސްކަންދީ، ތަކެތީގެ އަގު އުފުލުން ކުޑަކުރުމެވެ.