ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުންނަށް އެ ފުރުސަތު ދެނީ

ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޯރަފުށި ކައުންސިލުން، ހިރިމަރަދޫ ރައްޔިތުން އެރަށަށް ބަދަލުވުމަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ.

ހދ. ހިރިމަރަދޫ: އެރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދޭން ވަނީ ނިންމާފައި --

ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން އެ އަތޮޅު ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓު ކުރުމަށް އެދި ހަނިމާދޫ ކައުންސިލުން އިއުލާނެއް ކޮށްފި އެވެ.

ހިރިމަރަދޫގެ އާބާދީ ކުޑަކަމުން، މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެރަށު ރައްޔިތުން އެދެމުންދާތީ، އެމީހުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. 

އެރަށު ރައްޔިތުންގެ ފަރާތުން ހުށަހެޅީ ކ. ތުލުސްދޫ ނުވަތަ މާލެ ކައިރި ރަށަކަށް ބަދަލުވުމަށެވެ.

ނަމަވެސް ހަނިމާދޫއަށް ބަދަލުކުރަން ނިންމުމާއެކު އެ ދެ ރަށުގެ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނިކޮށް، ހޯރަފުށީ ކައުންސިލުން ވަނީ މިދިޔަ މާޗު މަހު ހިރިމަރަދޫ ރައްޔިތުން އެރަށަށް ބަދަލުވުމަށް ދައުވަތު ދީފަ އެވެ. އެ ދައުވަތު ދީފައި ވަނީ ކުރީގެ ކައުންސިލުންނެވެ.

ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޯރަފުށި ކައުންސިލުން، ހިރިމަރަދޫ ރައްޔިތުން އެރަށަށް ބަދަލުވުމަށް ރަސްމީކޮށް ދައުވަތުދީ އެ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ރައްޔިތުން، އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ) ނުވަތަ ކައުންސިލް އިދާރާއަށް އައިސް ނަން ނޯޓް ކުރުމަށް އެ އިއުލާނުގައި ވަނީ އެދިފަ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓު ލާފައި ވަނީ ހަނިމާދޫ ކައުންސިލް ހޮވުމަށެވެ. އެމީހުންގެ ރަޖިސްޓްރީ ހަނިމާދޫއަށް ބަދަލުކުރެވެންދެން އެމީހުން ދިރިއުޅެމުން ދާނީ އަމިއްލަ ރަށުގަ އެވެ. ރަޖިސްޓްރީ އެއްކޮށް ބަދަލުކޮށް ނިމުމާއެކު، އެއީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.