ފަލާހު ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު މަޖިލިސް ގަވާއިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭމިންވަރަށްވުރެ "އޯގާތެރިކޮށް" ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންނަށް ޖާގަ ކަނޑައެޅި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ މައްސަލަ ހޫނުވެފައިވަނިކޮށް، މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެމްޑީޕީއަށް ރައްދު ދެއްވައިފި އެވެ.
ކޮމިޓީތަކުން އެމްޑީޕީއަށް ޖާގަ ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން، އެ ޕާޓީގެ މެމްބަރުން އިއްޔެގެ ޖަލްސާގެ ތެރެއިން ވަނީ އަޑުގަދަކޮށް، އިހުތިޖާޖުކޮށްފަ އެވެ.
އެއާ އެކު، މަޖިލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީގެ ނުވަ މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ބޭރުކޮށްފަ އެވެ.
ޖަލްސާއަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުالله ސާދިގު ހުވާކުރެއްވިތާ ދެ ހަފުތާވީއިރު އެއްވެސް ކޮމިޓީއަކުން އޭނާއަށް އަދި ފުރުސަތުދީފައި ނުވާ ކަމަށެވެ.
އަދި އެކަމާ ޝަކުވާ ކުރުމުން ވަރަށް "ބޭއަދަބީ"ކޮށް ޕީއެންސީގެ ޕީޖީ ލީޑަރު ވާހަކަ ދައްކަވައި، ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި ޕީއެންސީއަށް ފުރިހަމަ ބާރު އޮތް ކަމަށް ވިދާޅުވެފައިވާކަމަށް، މައުރޫފް ތުހުމަތުކުރެއްވި އެވެ.
އެ ތުހުމަތުތަކާ ގުޅިގެން، ފަލާހު ރޭ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރުވެސް މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު މަޖިލިސް ގަވާއިދުގައި ކޮމިޓީތަކުން އެމްޑީޕީއަށް ލިބޭމިންވަރަށްވުރެ "އޯގާތެރިކޮށް" ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށެވެ.
"ނަމަވެސް އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް. ގަދަބާރުންކަންކަން ކުރަންނޫޅި ގާނޫނާއި ގަވާއިދުގެ ތެރޭގައި އުޅެން އެމްޑީޕީ ދަސްކުރަން އެބަޖެހޭ،" ފަލާހު ވިދާޅުވި އެވެ.