ސީއެންއެން އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ޕައިލެޓް ވަނީ ބޯޓު ވައްޓާލުމުގެ ކުރިން "އޭލިއަން" އެއް ފަދަ އާދަޔާޚިލާފު ޑްރޯންތަކެއްގެ ފޯމޭޝަނެއް ފެނުނު ކަމަށް ބުނެފައެވެ.

އެމެރިކާ އެފް-15 ގެ ބޯޓު ވައްޓާލި ދުވަހު އީރާނުން ޖެލީފިޝްއެއް ފާޑުގެ ޑްރޯނެއް ބޭނުންކުރި ކަމަށް އެމެރިކާގެ ފައިޓާ ޖެޓް ޕައިލޮޓުން ބުނެފި އެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު އީރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ ފައިޓާ ޖެޓެއް ވައްޓާލި ހާދިސާގައި ސަލާމަތްވި ޕައިލެޓް ދިން ސިއްރު ބަޔާނަކާ ގުޅިގެން އެމެރިކާގެ އިންޓެލިޖެންސް މުޖުތަމައުގައި ބޮޑު ބަހުސަކަށް ވެފަ އެވެ.
ސީއެންއެން އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ޕައިލެޓް ވަނީ ބޯޓު ވައްޓާލުމުގެ ކުރިން "އޭލިއަން" އެއް ފަދަ އާދަޔާޚިލާފު ޑްރޯންތަކެއްގެ ފޯމޭޝަނެއް ފެނުނު ކަމަށް ބުނެފައެވެ.
ޕައިލެޓްގެ ބަޔާނާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި، އޭނާއަށް ފެނުނީ އެކަތިގަނޑެއްގެ ގޮތުގައި ވަރަށް ބޮޑަށް ކޯޑިނޭޓް ކުރެވިގެން ދަތުރުކުރަމުންދިޔަ ޑްރޯންތަކެކެވެ.
ބޮޑު ޑްރޯނެއްގެ ދަށުގައި ކުދި ޑްރޯންތަކެއް އެލިފައި ހުރުމުގެ ސަބަބުން، ދުރުން ބަލާއިރު މުޅި ފޯމޭޝަން ވައްތަރީ ކަނޑުގައި އުޅޭ "ޖެލީފިޝް" އަކާ އެވެ. މި ޑްރޯންތައް އުޑުމަތީގައި މަސައްކަތް ކުރަމުންދިޔައީ "ވައިގެ މައިންފީލްޑެއް" ފަދައިން ކަމަށްވެސް ޕައިލެޓް ސިފަކޮށްފައިވެ އެވެ.
އީރާނާ ދެކޮޅަށް ކުރިއަށްދާ އަސްކަރީ ކެމްޕޭނުގައި އެފް-15 ގެ ޖެޓް ވައްޓާލުމަކީ މި ހަނގުރާމައިގައި އީރާނުން އެމެރިކާގެ ފައިޓާ ޖެޓެއް ވައްޓާލި ފުރަތަމަ ފަހަރެވެ. ބޯޓު ވެއްޓުމާއެކު ޕައިލެޓް ވަނީ ކާމިޔާބުކަމާއެކު އިޖެކްޓްވެ، ސިފައިންގެ ޚާއްސަ ފައުޖުތަކުން އޭނާ ސަލާމަތްކޮށްފައެވެ. ނަމަވެސް ބޯޓުގައި ހުރި ވެޕަންސް ސިސްޓަމްސް އޮފިސަރު ސަލާމަތްވީ އީރާނުގެ ފަރުބަދަތަކުގެ ތެރޭގައި ދުވަހަކަށްވުރެ ގިނަ ދުވަހު ފިލައިގެން އުޅުމަށްފަހުއެވެ. ބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، ކުރިމަތިވި ޑްރޯން ފޯމޭޝަނުގެ ސަބަބުން އީރާނަށް އެމެރިކާގެ ޒަމާނީ ޖެޓު ފަސޭހައިން ޓާގެޓް ކުރުމުގެ ފުރުސަތު ލިބުނު ކަމަށް ބައެއް ކުރިމަތީ އެސެސްމަންޓްތަކުން ދައްކައެވެ.