ސްކޫލެއްގެ ނަމުން ޔޫނިއަން އުފައްދަން ހުއްދައެއް ނުދެވޭނެ: މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މުއައްސަަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގެ މިއަދުގެ ޖަލްސާގައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

އެއްވެސް ސްކޫލެއްގެ ނަން ބޭނުންކޮށްގެން، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޔޫނިއަނެއް އުފައްދަން ހުއްދަ ނުދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވަޒީރާ ސުވާލު ކުރެއްވީ، އިސްކަންދަރު ސްކޫލްގެ މުވައްޒަފުންގެ ޔޫނިއަން އުފެއްދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހުއްދަ ނުދީ ލަސްވާ މައްސަލައާ ގުޅިގެންނެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މުއައްސަަސާއެއްގެ ނަން ނުވަތަ އެފަދަ މުއައްސަސާއަކާ އޮޅުން އަރާ ފަދަ ނަމެއް ޔޫނިއަންއަކަށް ކިޔައިގެން ނުވާނެ ކަމަށް ޔޫނިއަން ހިންގުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަށް ބުނެވޭނީ ކުރިން މި ދެންނެވި ގަވާއިދުގެ [ޔޫނިއަން ހިންގުމާއި ރަޖިސްޓްރީކުރުމާ ބެހޭ ގަވާއިދު]ގެ 12 ވަނަ މާއްދާގެ (ހ)ގެ ހަތަރަކާ ހަވާލާދީ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުންކޮށްގެން، މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން ޔޫނިއަން އެއް އުފެއްދިދާނެ ކަމަކަށް،" ޝަފީއު ވިދާޅުވި އެވެ.

އެ ޖަވާބާ ގުޅިގެން މައުރޫފް ވިދާޅުވީ އިސްކަންދަރު ސްކޫލްގެ ޓީޗަރުން އުފެއްދި ޔޫނިއަން މިދިޔަ ޖެނުއަރީ މަހު ރަޖިސްޓްރީކޮށްދިނީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީން ކަަމަށާއި މޭ ޑޭގައި ހޯމް މިނިސްޓްރީން އިންތިޒާމްކުރި ރެލީގައި ބައިވެރިވާން އެ މިނިސްޓްރީން އެ ޔޫނިއަން އަށް ދައުވަތު ވެސް ދިން ކަމަށެވެ. 

އެހެންކަމުން، އެ ޔޫނިއަނަށް އެ ނަމުގައި ހަރަކާތްތެރި ވެވޭނެ ކަމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ އިރު، އެ ނަމުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށް މިނިނިސްޓަރު ވިދާޅުވަނީ ކޮން ގާނޫނަކުން ބާރުލިބިގެންތޯ އޭނާ އެއްސެވި އެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ ޔޫނިއަން ރަޖިސްޓްރީކޮށްދެވިފައިވާ ރަނގަޅަށް ބަލައިނުލެވި ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސްކޫލްތަކުގައި ވަކި ހާއްސަ ސިފަތަކެއް ހުންނަންޖެހޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.