އެ ޑްރަގް ބޭނުންކޮށްފައިވާ ފުޅިއަކާއި ސިރިންޖުތަކެއް ލަމްހާގެ ގެއިން ވަނީ ފެނިފައިވާތީ، ކުށުގެ އަމަލުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސް މަރައިލުމުގައި ބައިވެރިވިކަން، ހަލީމަތުގެ ލަމްހާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ލަމްހާގެ އިތުރުން އޭނާގެ އޭނާގެ ލޯބިވެރިޔާ / މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ވަނީ އޮކްޓޫބަރު 19، 2021 ގައި މޭރީ އަދި މާވިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގައި މޭރީއަށް ހަމަލާދީގެން މަރާލާފައިވާ ކަމަށެވެ. މޭރީ މަރާލާފައިވާކަން މާވިންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
މި މައްސަލައިގައި ލަމްހާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމު ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އެކަން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާ މޭރީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. އަދި މޭރީއަށް ލަމްހާ އިންޒާރު ދީފައިވާކަން ވެސް ހެކިތަކުން އެނގޭ ކަމަށެވެ.
އަދި، މޭރީ މަރާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅު އެވަގުތު އެގެއިން ލަމްހާ ގެންގޮސްފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި މޭރީ މަރުވުމުން ލަމްހާ އެދަރިފުޅު އަނބުރާ ގެއަށް ގެނެސްފައިވާއިރު، މާވިން އެމްބިއުލާންސަށް ގުޅީ ވެސް ލަމްހާ އެގެއިން ނުކުމެގެން ދިޔަފަހުން ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލައިގައި ލަމްހާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު، މޭރީގެ ހަށިގަނޑުން ސަކްސިނަލްކޮލިން ކްލޮރައިޑް ޑްރަގް ވަނީ ފެނިފަ އެވެ. މީހާ ހޭނައްތާލުމަށް ބޭނުންކުރާ އެ ޑްރަގަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދޫކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ދީފައިވާ ކޮންޓްރޯލްޑް ޑްރަގެކެވެ. އެ ޑްރަގް ބޭނުންކޮށްފައިވާ ފުޅިއަކާއި ސިރިންޖުތަކެއް ލަމްހާގެ ގެއިން ވަނީ ފެނިފައިވާތީ، ކުށުގެ އަމަލުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
މި މައްސަލަ ލަމްހާ އަދި މާވިންގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ނިންމި ނަމަވެސް، އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.