ގަވައިދާ ހިލާފުވެގެން ތައިލެންޑުން އިސްރާއީލުގެ 10 މީހަކު ޑިޕޯޓްކޮށްލައިފި

ތައި ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި މީހުން ވަނީ ތައިލެންޑް މީހުންގެ ނަމުގައި "ނޮމިނީ" ކުންފުނިތަކެއް ހަދައިގެން، އަޑީގައި ތިބެގެން ބޮޑެތި ވިޔަފާރިތަކެއް ހިންގާފަ އެވެ.

އިސްރާއިލް މީހުން ހައްޔަރުކޮށްގެން ބަހަށް އަރުވަނީ އޭޕީ ފޮޓޯ

ތައިލެންޑުގެ މަޝްހޫރު ފަތުރުވެރި ރަށެއް ކަމަށްވާ ކޮހް ޕަންގާންގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި އިސްރާއީލުގެ 10 މީހަކު އެގައުމުން ޑިޕޯޓްކޮށްލާފައިވާ ކަމަށް ބެންކޮކް ޕޯސްޓް ނޫހުން ރިޕޯޓްކޮށްފިއެވެ. މިއީ އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ބޭރުގެ ކުށްވެރިވާ ނެޓްވޯކްތަކާ ދެކޮޅަށް ތައި ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އެޅި ފިޔަވަޅެކެވެ.

ތައި ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި މީހުން ވަނީ ތައިލެންޑް މީހުންގެ ނަމުގައި "ނޮމިނީ" ކުންފުނިތަކެއް ހަދައިގެން، އަޑީގައި ތިބެގެން ބޮޑެތި ވިޔަފާރިތަކެއް ހިންގާފަ އެވެ. މިގޮތުން ފާހަގަކުރެވުނު 32 ވިޔަފާރިއެއްގެ ތެރޭގައި ހުއްދަނެތި ހިންގަމުންދިޔަ ހޮޓަލެއް ވެސް ހިމެނެ އެވެ. 

މި ހޮޓަލުގެ ހަގީގީ ވެރިއަކީ އިސްރާއީލު މީހެއްކަން ސިއްރުކުރުމަށްޓަކައި ބޭނުންކޮށްފައިވަނީ ތައިލެންޑް ރައްޔިތުންގެ ނަމެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުން ވަނީ ތައިލެންޑުގެ ގާނޫނާ ހިލާފަށް، ބޭރުގެ ހިއްސާދާރުންނަށް ބޮޑު ހިއްސާއެއް ލިބޭ ގޮތަށް ކުންފުނި ހިންގާފަ އެވެ.

މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ތައިލެންޑުގެ އިގްތިސާދަށް 200 މިލިއަނަށް ވުރެ ގިނަ ބާތު (ގާތްގަނޑަކަށް 6.1 މިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުން ވެފައިވާނެ ކަމަށް އަންދާޒާކުރެވެ އެވެ.

ކޮހް ޕަންގާން އަކީ އިސްރާއީލުގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަގްބޫލު ރަށެކެވެ. އެ ރަށުގައި އިސްރާއީލުގެ 2,500 އެއްހާ މީހުން ދާއިމީކޮށް ދިރިއުޅެމުންދާއިރު، ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރެ އެވެ. ނަމަވެސް، ފަހަކަށް އައިސް އިސްރާއީލު މީހުންގެ ފަރާތުން ފެންނަ ނޭދެވޭ އަހުލާގީ މައްސަލަތަކާއި، އެ ރަށުގެ މީހުންގެ ސަގާފަތާ ހިލާފު އަމަލުތަކުގެ ސަބަބުން މަސްރަހު ވަނީ ހޫނުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.