"ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު"ގެ ދަށުން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވޭ.

ސަރުކާރުގެ ފަރާތުން ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުން މަޖިލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމް ހުށަހެޅުއްވި "ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު"ގެ ދަށުން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަދި ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް މި ބިލުގެ ދަށުން ބަޔާންކުރާނެ އެވެ.
މި ބިލާއެކު ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑާ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާގުޅޭ އުސޫލުތައްވެސް ކަނޑައެޅޭނެ އެވެ.
އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި އެ ހައްގުތައް ބޭނުންކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައްވެސް ހިމެނޭނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގެންފައިވަނީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލު ބަލައިގަތުމާ އެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށް ފޮނުވައިފަ އެވެ.