މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ތުއްތު ކުއްޖާގެ މާމަ ކަމަށްވާ އައިޝަތު ޝާއިރާ އާއި ކުއްޖާގެ ބައްޕަ، މޫސާ އަހުސަމް އަދި މުހައްމަދު އިމްތިޔާޒް ކިޔާ މީހަކަށެވެ.

ވިހެއުމަށްފަހު ތުއްތު ކުއްޖަކު މަރައިލި މައްސަލައެއް ސާބިތުވެ، ކުއްޖާގެ ބައްޕަ އާއި މާމަ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ތުއްތު ކުއްޖާގެ މާމަ ކަމަށްވާ އައިޝަތު ޝާއިރާ އާއި ކުއްޖާގެ ބައްޕަ، މޫސާ އަހުސަމް އަދި މުހައްމަދު އިމްތިޔާޒް ކިޔާ މީހަކަށެވެ.
މިއީ ޝާއިރާގެ 18 އަހަރު ނުފުރޭ ކުއްޖަކަށް އަހުސަމް ޖިންސީ ގޯނާ ކޮށްގެން ލިބުނު ކުއްޖަކު މަރައިލި މައްސަލައެކެވެ. އިމްތިޔާޒްއަކީ ޝާއިރާގެ ލޯބިވެރިޔާ ކަމަށްވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޝާއިރާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުގެ ދައުވާ އިމްތިޔާޒްގެ މައްޗަށް ވެސް އުފުލާފައިވާއިރު، އެ ދެ މީހުންނަށް އެ ދައުވާގައި އިއްވާފައި ވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި ޝާއިރާގެ މައްޗަށް އިއްވާފައި ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން ޖުމްލަ ތިން އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒު ކުރަން ޖެހެ އެވެ.
މި މައްސަލައިގައި ތުއްތު ކުއްޖާގެ ބައްޕަ ކަމަށްވާ އަހުސަމްގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެފައިވާތީ އޭނާ ފަސް އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަހިފުމަށް ވެސް އަމުރުކޮށްފައިވެ އެވެ.
މި މައްސަލައިގެ ފުރިހަމަ ރިޕޯޓު ކްރިމިނަލް ކޯޓުން އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން މި ތިން މީހުންވެސް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.