ފުލުހުން މިއަދު ބުނީ ފުރުގާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރޭ 4:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މާލޭގައި ހުންނަ މަސްޖިދުލް ފުރުގާން މިސްކިތުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދީފި އެވެ.
ފުލުހުން މިއަދު ބުނީ ފުރުގާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރޭ 4:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް މި ފަދަ ގެއްލުންތައްދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވައިލައްވައިފަ އެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތަކަކީ އެންމެހައި ރައްޔިތުންގެ އިހުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަން ކަމަށެވެ. އަދި މި ފަދަ ކަންކަމަކީ މުޖުތަމައުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި އެތަންތަނުން ވައްކަން ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިސްކިތްތަކުގައި ނިދުމާއި ކެއިން ބުއިން ފަދަ އަމަލުތައް ހިންގާ މިންވަރުވެސް ގިނަ އެވެ.