އެގޮތުން ޝިޕްމެންޓުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ވަނީ ހޯދައިފަ އެވެ.

ކަނޑު މަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުން އަނެއްކާވެސް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އިއްޔެ ރާއްޖެ ގެނައި ޝިޕްމެންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލެ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މިއޮޕަރޭޝަންގައި “ޖެނެރަލް ކާގޯ”ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓައި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން ޝިޕްމެންޓުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ވަނީ ހޯދައިފަ އެވެ.
ކަސްޓަމްސް އިން މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ވޭޕްގެ ބޮޑު ޝިޕްމެންޓެއް އަތުލައިގެންފަ އެވެ. އެގޮތުން ކަނޑު މަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުން 15،601 ވޭޕް ކާޓްރިކް އަތުލައިގެންފައިވާއިރު، އެއީ ރާއްޖޭގައި ވޭޕް މަނާކުރި ފަހުން އަތުލައިގަތް ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ.