ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެވަޑައިގެން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ބޮޑު ބަދަލުގެ ނަމުގައި އޮފީހެއް ޕާޓީގައި ގާއިމުކުރުމަށް ހުށަހެޅުއްވި އެވެ.

މައި އިދިކޮޅު އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހަސަން ލަތީފް މިއަދު އައްޔަނުކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެރިކަން ހިންގުމުގެ ނިޒާމަށް ހުށަހަޅުއްވާފައިވާ ބޮޑު ބަދަލަކީ، ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ކަނޑައެޅުމެވެ.
ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެވަޑައިގެން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ބޮޑު ބަދަލުގެ ނަމުގައި އޮފީހެއް ޕާޓީގައި ގާއިމުކުރުމަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ވެރިކަން ހިންގުމުގެ ނިޒާމަށް ހުށަހަޅުއްވަން އުންމީދު ކުރައްވާ ބޮޑެތި ބަދަލުތަކެއްގެ ތަފްސީލް ދެއްވުމަށް މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ އޭނާ އަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވި ރައްޔިތުން 2028 ގައި އިންތިހާބު ކޮށްފި ނަމަ ފުރަތަމަ ދުވަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާނެ ކަމަށެވެ.
އެގޮތުން ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ތަފާތު ދެ ބޭފުޅުން ކަމުގައި ބަދަލު ކުރައްވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ވެރިޔަކަށް އޭނާ ހުންނަވާފައި ދައުލަތުގެ ވެރިޔެއްގެ ގޮތުގައި ނަޝީދު ހުންނެވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ފައްޔާޒް ވިދާޅުވެފައިވެ އެވެ.