ނަތަންޔާހޫމެދު ނުތަނަވަސްކަން އުފެދި ރައީސް ޓްރަމްޕް ވަނީ ނަތަންޔާހޫގެ މައްޗަށް އޮތް ސިޔާސީ ނުފޫޒު ފެންނަ ލިއުމެއް ކެޕްޝަނެއް ނެތި އާއްމުކޮށް މެސެޖެއް ދީފަ އެވެ.

އީރާނާއެކު އެމެރިކާ އިން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް ދާން އުޅޭތީ އެންމެ ހިތްދަތިވާ ބަޔަކީ އިސްރާއިލް އެވެ. އެއްބަސްވުމުގައި ސޮއިކުރަން ކުޑަތަން ވެފައިވާއިރު، މިކަން ހުއްޓުވޭ ތޯ ކުރެވެގެން ހުރި ހުރިހާކަމެއް އިސްރާއިލުން ދަނީ ކުރަމުންނެވެ. މިގޮތުން އެއްބަސްވުމުގައި ހިމެނޭ ލުބުނާންއަށް ދަނީ ހަމަލާ ދެމުންނެވެ. މިއާއެކު އިސްރާއިލްގެ ހަރުކަށި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ ހިޔާލު ތަފާތުވުމެއްގަ އެވެ. މިކަން އެންމެފަހުން ފެންމަތި ވެގެން ދިޔައީ ޓްރަމްޕް ސޯޝަލް މީޑިއާގައި ހާމަކުރި ލިއުމަކުންނެވެ. އެ ލިޔުމުގެ ބޭނުމަކީ ނަޔަންޔާހޫ ކޮންޓްރޯލް ކުރަނީ އޭނަކަން ދުނިޔެ އަށް ދެއްކުމެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކުރައްވާފަ އެވެ. މި ލިޔުމަކީ 'ޖަސްޓް ދަ ނިއުސް' އިން ޝާއިއުކޮށްފައިވާ "ނަތަންޔާހޫގެ ގޮނޑި ގެއްލުމުގެ ފުރުސަތު ބޮޑު، ހުރިހާ ބާރެއް އޮތީ ޓްރަމްޕް އަތުގައި" މި ސުރުހީގެ ދަށުން ލިޔެފައިވާ އޮޕީނިއަން އާޓިކަލްއެކެވެ. މި ލިންކް ޓްރަމްޕް ހިއްސާކުރެއްވީ އެއްވެސް އިތުރު ކެޕްޝަނަކާ ނުލަ އެވެ. ނަމަވެސް، މިއީ ނަތަންޔާހޫގެ ސިޔާސީ މުސްތަގުބަލު ބިނާވެފައިވަނީ އެމެރިކާގެ އެހީތެރިކަމާއި ޓްރަމްޕްގެ ތާއީދުގެ މައްޗަށް ކަމަށް އެ ރިޕޯޓުގައި ބުނާ ބުނުމަށް ޓްރަމްޕް ތާއީދުކުރައްވާކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
މި އަހަރުގެ އޮކްޓޯބަރު 27 ގެ ކުރިން އިސްރާއީލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި ޓްރަމްޕްގެ އެންޑޯޒްމަންޓް ކުރުމަކީ ނަތަންޔާހޫއަށް ވަރަށް މުހިންމު ވާނެ ކަމެކވެ. ނަމަވެސް، ޓްރަމްޕް ދާދިފަހުން ވިދާޅުވެފައިވަނީ ނަތަންޔާހޫއަށް ތާއީދުކުރުމުގެ "ފުރުސަތު ބޮޑު" ނަމަވެސް، އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ވެސް ބައްލަވާނެ ކަމަށެވެ. މީގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އަދި ގާދީ އައިޒެންކޮޓް ފަދަ ލީޑަރުން ހިމެނެ އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރެވުނު ސުލްހައިގެ އެއްބަސްވުމާ އެކު ސަރަހައްދީ ހަމަޖެހުމަކަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ މެދު ޓްރަމްޕް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ނަތަންޔާހޫ "މިއަށްވުރެ ބުއްދިވެރިކޮށް" އުޅެންޖެހޭ ކަމަށާއި ބައިރޫތަށް ދޭ ހަމަލާތައް ހުއްޓާލައި މަޑުމައިތިރި ސިޔާސަތެއް ގެންގުޅެންޖެހޭ ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން، އެމެރިކާގެ ބަހަށް ނުކިޔަމަންތެރިވެއްޖެ ނަމަ، ޓްރަމްޕް ނަތަންޔާހޫއަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އިސްރާއީލުގެ އެތެރޭގެ މަސްރަޙުގައިވެސް ނަތަންޔާހޫގެ މަގާމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. ދާދިފަހުން ނެގުނު ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި، އިސްރާއީލުގެ އާންމުންގެ ބޮޑު ބައެއް ބޭނުންވަނީ ނަތަންޔާހޫ ދެން އިންތިހާބުގައި ވާދަނުކުރުމަށެވެ. ސަލާމަތީ ކަންކަމުގައި ފެއިލްވުމާއި، ކޯލިޝަން ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނަމަވެސް އޭނާގެ ލިކޫޑް ޕާޓީން ބުނެފައިވަނީ ނަތަންޔާހޫ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.