މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ހުރީ 873،000 ގައެވެ. ނަމަވެސް، މި އަހަރުގެ މި މުއްދަތުގައި ވަނީ 1.1 މިލިއަނަށް އިތުރުވެފަ އެވެ.
މި އަހަރުގެ މިދިޔަ ހަތަރު މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގައި ލޯކަލް ޓޫރިޒަމް ލީޑް ނަގަމުންދާކަން ފާހަގަ ވެއްޖެ އެވެ.
ހަނގުރާމައާއެކު މިވަގުތު ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް މިދިޔަ ހަޔަރު މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަްގެ އެނދުގެ ގާބިލުކަން ހުރިހާ ދާއިރާއަކުން ވެސް ފުޅާވަމުންދާއިރު، މާކެޓުގެ ޑިމާންޑް ލޯކަލް ޓޫރިޒަމް އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑުވަމުންދާކަން މި ތަފާސްހިސާބުތަކުން ދައްކަ އެވެ.
މަރުކަޒީ ބޭންކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ހުރީ 873،000 ގައެވެ. ނަމަވެސް، މި އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 1،169،000 (1.1 މިލިއަން) އަށް ޖެހިލާފަ އެވެ. މިއީ ގެސްޓްހައުސްތަކުގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަކޮށްދޭ އަދަދެކެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް ނުވަތަ އެނދު ފުރުނު ނިސްބަތް މިދިޔަ އަހަރުގެ ގެ ޖެނުއަރީ-އޭޕްރީލްގައި ހުރި 52.9 ޕަސެންޓްގަ އެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 60.1 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. މިއަހަރުގެ ފެބްރުއަރީ މަހަކީ ގެސްޓްހައުސްތަކަށް އެންމެ ކާމިޔާބު މަހުގެ ގޮތުގައި ފާހަގަކުރެވޭއިރު، އެ މަހުގެ އޮކިއުޕެންސީ ވަނީ 76.5 ޕަސެންޓަށް އުފުލުނެވެ.
ހަތަރު މަސްދުވަހު އޮޕަރޭޝަނުގައި ހުރި ގެސްޓްހައުސް އެނދުގެ އެވްރެޖް އަދަދަކީ 16,328 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގެސްޓްހައުސް އެނދުގެ އަދަދަށް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފަ އެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަހު، މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އެވްރެޖްކޮށް 2,510 އެނދު ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، ވަކިވަކި މަސްތަކަށް ބަލާއިރު މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އޮޕަރޭޝަނުގައި ހުރި ގެސްޓްހައުސް އެނދުގެ ޖުމްލަ އަދަދު ވަނީ 16,743 އަށް އަރާފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ހުރި 14,138 އެނދާ އަޅާބަލާއިރު ، މިއީ 2,605 އެނދުގެ އިތުރުވުމެކެވެ.
ގެސްޓްހައުސްތަކާ ހިލާފަށް، ރިސޯޓުތަކުގެ ބެޑްނައިޓްސްއަށް ވަނީ ކުޑަ ހީނަރު ކަމެއް އައިސްފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިސޯޓުތަކުގެ ބެޑްނައިޓްސް 4،067،000 ގައި ހުރުމަށްފަހު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 3،716،000 އަށް ދަށަށް ގޮސްފަ އެވެ. މި ބަދަލާއެކު ރިސޯޓުތަކުގެ އެވްރެޖް އޮކިއުޕެންސީ ރޭޓް 77.9 ޕަސެންޓުން 69.2 ޕަސެންޓަށް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް، ހިދުމަތްދޭ ރިސޯޓުތަކުގެ އަދަދާއި އެނދުގެ ގާބިލުކަން ވަނީ އިތުރުވެފަ އެވެ. އެގޮތުން ހިދުމަތްދޭ ރިސޯޓުތަކުގެ އެވްރެޖް އަދަދު 175 އިން 180 އަށް އިތުރުވެފައިވާއިރު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ވަނީ 43,653 އިން 44,959 އަށް މަތިވެފަ އެވެ.
ޓޫރިސްޓުންނަށް ހިދުމަތްދޭ އެހެން ދާއިރާތަކަށް ބަލާއިރު، ހޮޓާތަކުގެ ބެޑްނައިޓްސް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ 105،000 އިން މިއަހަރުގެ އެ މުއްދަތުގައި 111،000 އަށް ވަނީ މަތިވެފަ އެވެ. ނަމަވެސް އޮކިއުޕެންސީ ރޭޓް ވަނީ 41.7 ޕަސެންޓިން 35.7 ޕަސެންޓަށް ދަށަށް ގޮސްފައެވެ. އަދި ސަފާރީތަކުގެ ބެޑްނައިޓްސް ވަނީ 127،000 އިން 138،000 އަށް ކުރިއަރާފަ އެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ އެވްރެޖް އޮކިއުޕެންސީ ރޭޓް ހުރީ 33.2 ޕަސެންޓްގަ އެވެ.