އަމާޒަކީ މަހުގެ އަގު 20ރ. ގައި ހިފެހެއްޓުން: ރައީސް

އެގޮތުން، އަމާޒަކީ މިފްކޯއަށް މަސް ގަންނަ އަގު ކިލޯގްރާމެއް 20ރ. ގެ ރޭޓުގައި ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުންމީދަކީ އެއަށްވުރެ މައްޗަށް ގެންދެވޭނެފަދަ ގޮތެއްވެއްޖެނަމަ، އެކަންވެސް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ސަރުކާރުގެ އަމާޒަކީ މިފްކޯއަށް ގަންނަ މަހުގެ އަގު، 20ރ. އަށްވުރެ ދަށްވިޔަ ނުދީ ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދަ ޕްލަސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާގެ ދަށުން މިފްކޯގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން، އަމާޒަކީ މިފްކޯއަށް މަސް ގަންނަ އަގު ކިލޯގްރާމެއް 20ރ. ގެ ރޭޓުގައި ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުންމީދަކީ އެއަށްވުރެ މައްޗަށް ގެންދެވޭނެފަދަ ގޮތެއްވެއްޖެނަމަ، އެކަންވެސް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެންމެ ދަށްކޮށްވިޔަސް 18ރ. އަށްވުރެ ކުޑަނުވާނެ ގޮތަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ސަރުކާރުން ތަންފީޒު ކުރަމުންގެންދާނަން. އަމާޒަކީ އަބަދުވެސް 20ރ. ގައި ހިފެހެއްޓުން. އަދި އެއަށްވުރެ މައްޗަށްވެސް ގެންދެވޭ ވަރުވީމަ ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެން ގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށެވެ. އެރޮނގުން ވެސް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަވަމުންދާ ކަމަށާއި، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި އެކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެ އެވެ.

އެ ޕޮޑްކާސްޓްގައި ރައީސް ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު ޖުމުލަ ގޮތެއްގައި ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވާ މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްގީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.