ސަރުކާރާ ދެކޮޅަށް ރައްޔިތުން އިންގިލާބަކަށް ނުކުންނާނެ: ނަޝީދު

ނަޝީދު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެމްޑީޕީން ފެށުނީއްސުރެ ކުރަމުން އައި މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

"ވަޒީފާ ބުރާސްފަތި"ގެ ނަމުގައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގައިލުން. --ފޮޓޯ: އެމްޑީޕީ

ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދާނަމަ، ސަރުކާރާ ދެކޮޅަށް "އިންގިލާބަކަށް" ރައްޔިތުން ނުކުންނާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ކަންކަމާ ގުޅުވައި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ކަނޑައިލިކަމަށް ބުނެ، "ވަޒީފާ ބުރާސްފަތި"ގެ ނަމުގައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގައިލުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެމްޑީޕީން ފެށުނީއްސުރެ ކުރަމުން އައި މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނިކުންނާނެ. އެ ރައްޔިތުން، އެ މީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންދާނެ. އެމްޑީޕީ އެމީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކުގައި ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ. 

"ވަޒީފާ ބުރާސްފަތި"ގެ ނަމުގައި އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގައިލުން. --ފޮޓޯ: އެމްޑީޕީ

ރަސްފަންނުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެމްޑީޕީގެ އިސްވެރިންނާއި އެތައް ސަތޭކަ އާންމުން ބައިވެރިވި އެވެ.

އެ މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ވަޒީފާ އަދާކުރުމުގެ ހައްގަށް މި ސަރުކާރުން އަރައިގަންނައިރު އެމްޑީޕީން މަޑަކުން ނޯންނާނެ ކަމަށެވެ.

އަދި ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާއިން ވަކިކުރި މީހުންގެ ވަޒީފާ އިޔާދަކޮށްދޭނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

މި ހިނގައިލުމާ ދިމާކޮށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ކަމަށް ބުނެ، ބައެއް މަގުތައް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.

ނަމަވެސް، މި ހިނގައިލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.