އެންސްޕާ މެދުވެރިކޮށް ދޫކުރާ މާލީ އިނާޔަތްތައް ކަނޑައެޅިފައި އޮންނަ ތާރީހަށް ބަރާބަރަށް ޖާމާވަމުން ނުދާ ކަމުގެ ޝަކުވާ އަންނަ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޭން ޖެހޭ މާލީ އިނާޔަތް ދިނުން ލަސްވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީ (އެންސްޕާ) އިން ފަހަކަށް އައިސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ މާލީ އިނާޔަތްތައް ކަނޑައެޅިފައި އޮންނަ ތާރީހަށް ޖަމާ ނުކުރާ ކަމަށެވެ.
އެ އިނާޔަތަކީ ބޭސްފަރުވާ އާއި ފަރުދީ އަދި ޒަރޫރީ ބޭނުންތައް ފުއްދަން އެ ފަރާތްތަކުން ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށާއި ޖަމާކުރުން ލަސްވާތީ އާއިލާތައް މާލީ އަދި ނަފްސާނީ ގޮތުން ދަތިތަކާ ކުރިމަތިލަމުން އަންނަ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.
"..ވީމާ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީ މި މައްސަލަ ހުށަހަޅުއްވައި ދެއްވައި، އެންސްޕާ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކޮށްދެއްވުމަށް އެދި ދަންނަވަން،" ކުޑޫ ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
ގާނޫނުއަސާސީގެ 45 ވަނަ މާއްދާގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ދިނުން ދައުލަތަށް ލާޒިމެވެ.